ޚަބަރު

ޔާމީންގެ ހެކިންނަށް އިންޒާރު ދިނުމީ ސިޔާސީ ވާދަވެރިކަން ނައްތާލަން ހިންގާ ޖަރީމާއެއް: އިދިކޮޅު

މަރިޔަމް ޝަހުދާ

ރައީސް ޔާމީންގެ މައްޗަށް ކުރާ މަނީލޯންޑަރިންގެ ޝަރީއަތުގައި ހިމެނޭ ހެކިންނަށް އިންޒާރުދީ، ފްރޭމްކޮށް، ވަކި ގޮތަކަށް ބަޔާންދިނުމަށް މަޖުބޫރު ކުރުމުގެ ގޮތުން ބިރުދެއްކުމަކީ، ސިޔާސީ ވާދަވެރިން ނައްތާލުމަށް ރާވައިގެން ހިންގާ ބޮޑު ޖަރީމާއެއް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

އެކޯލިޝަނުން މިހެން ބުނެފައިފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ ރައީސް ހަސަން ލުތުފީއަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިންޒާރު ދިންކަމަށް ބުނާ މައްސަލައެއް ކުށްވެރިކޮށް އެ ކޯލިޝަނުން މިއަދު އާންމު ކުރި ބަޔާނެއްގައެވެ.

އެ އަމަލަކީ ދަށުދަރަޖައިގެ، ފިނޑި އަދި ނާތަހުޒީބު އަމަލެއްކަމަށް ބުނެ އިދިކޮޅުން ނެރުނު ބަޔާނުގައި ބުނީ، މިނިސްޓަރު އިމްރާންގެ އެ އަމަލަކީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތާމެދު ސަރުކާރުގެ ވިސްނުން އޮތްގޮތް ސާފުވާ ކަމެއް ކަމަށެވެ. އަދި ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާއަކީ ރައީސް ސޯލިހާއި އިމްރާން ގުޅިގެން ހިންގާ ކަމެއް ކަމަށާއި ދެ ބޭފުޅުން ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ސިޔާސީ ހުކުމެއް ކުރަން ރާވާފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

"ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ މި އަމަލަކީ ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް ހިންގާފައިވާ އަމަލެއް ކަމާއި ސަރުކާރުން ރައީސް ޔާމީންގެ މައްޗަށް ހުކުމެއް ކުރުމަށްޓަކައި ކެތްމަދުވެފައިވާކަން ސާފުވާ ދަލީލެކެވެ،" ބަޔާނުގައި ބުނެފައިވެއެވެ.

އިދިކޮޅުގެ ބަޔާނުގައި އިތުރަށް ބުނީ، އިންސާފު ހޯދައިދޭނެ ކަމަށް ބުނެ ވަކާލާތު ކުރި ބަޔަކު މިއަދު ނާއިންސާފުން، ލިބިފައިވާ ބާރު ބޭނުންކޮށްގެން ވަކި ގޮތަކަށް ކަންކަން ނިންމުމަށް މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ފާއިތުވި ހަފްތާ ތެރޭ ހޯމް މިނިސްޓަރު އިމްރާން ލުތުފީއަށް އިންޒާރު ދިންކަމަށް ބުނާ ފޯން ރިކޯޑިންގް އެއް ވަނީ ލީކުވެފައެވެ. މި ފޯނު ރިކޯޑިންގްގައި ރާއްޖެ ދޫކުރައްވައި ވަޑައިގަތީ، ފްރޭމްކޮށްގެން ހައްޔަރުކުރާނެ ކަމުގެ އިންޒާރު އިމްރާން ދިނުމުން ކަމަށް ލުތުފީ ވަނީ ވިދާޅުވެފައެވެ.