ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އދ. ފެންފުށީ ކައުންސިލަރުންނާ ބައްދަލުކުރައްވައިފި

އާނިފާ ހުސެއިން ސިރާޖް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، މިއަދު އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލާ ބައްދަލުކުރައްވައި ރަށުގެ ތަރައްގީގެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މިއަދު މެންދުރު ކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ފެންފުށީ ކައުންސިލަރުން ވަނީ ރަށުގެ ތަރައްގީއަށް ބޭނުންވާ ބޮޑެތި ބައެއް މަޝްރޫއުތަކާ ގުޅޭގޮތުން، ކައުންސިލާއި ރައްޔިތުންގެ ފަރާތުންހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހިއްސާކުރައްވާފައެވެ.

ރައްޔިތުންގެ ފަރާތުންހުރި ކަންބޮޑުވުންތަކުގެ ތެރޭގައި ރަށުގެ ނަރުދަމާގެ މަޝްރޫއުގެ މަސައްކަތް ލަސްވަމުންދިއުމާއި ގެސްޓްހައުސް ވިޔަފާރިއަށް ކައުންސިލުން ކަނޑައަޅާފައިވާ ބިން ހަމަނުޖެހި އޮތުމާއި، ފެނުގެ މަޝްރޫއާއި ބަނދަރު މަޝްރޫއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާއި އަދި ސްކޫލާއި ހެލްތު ސެންޓަރުގެ ތަރައްގީއަށް ކުރަންހުރި މަސައްކަތްތަކާ ގުޅޭގޮތުން ކައުންސިލަރުން ރައިސުލްޖުމްހޫރިއްޔާގެ ނައިބާ މަޝްވަރާކުރެއްވިއެވެ.

މީގެއިތުރުން ރަށުގެ ފުޓުބޯޅަ ދަނޑު ހެދުމުގެ މަސައްކަތާއި ގުޅޭގޮތުންހުރި ކަންބޮޑުވުންތަކާއި ރަށުގެ ތަރައްގީއަށް ބޭނުންވާ އެހެން ބައެއް މަސައްކަތްތަކާގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ރަށުގެ ތަރައްގީއާ ގުޅިފައިވާ ބައެއް ބޮޑެތި މަޝްރޫއުތަކާ ގުޅޭގޮތުން ކައުންސިލަރުން ފާހަގަކުރެއްވި ކަންކަން ބައްލަވައި އެކަންކަމަށް އަވަސް ހައްލެއް ގެނަސްދެއްވުމަށް މަސައްކަތްޕުޅު ކޮށްދެއްވާނެކަމުގައި ވިދާޅުވިއެވެ.

އަދި ބައްދަލުވުމުގައި އިތުރަށް ފާހަގަކުރެއްވި ކަންކަމުގައިވެސް ކަމާގުޅޭ ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވައިގެން ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. މީގެއިތުރުން، ރައްޔިތުންނާ ގުޅޭ ކަންކަމުގައި ސަރުކާރުން ވަކިރަށެއް ތަފާތުކުރުމެއް ނުގެންގުޅުއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ކައުންސިލަރުންނަށް ދެއްވި އެވެ.