އަހްމަދު ނިހާން ހުސައިން މަނިކު

އަދީބުގެ ވަޒީރު ކަމުުގައި ރަށް ނަގައިގެން ރިސޯޓު ހަދާ މެންބަރުން އެބަތިބި: ނިހާން

1

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގެ ޓޫރިޒަމް މިނިސްޓަރު ކަމުގައި ރަށް ނަގައިގެން ރިސޯޓު ހަދަމުން އަންނަ މެންބަރުން ރައްޔިތުންގެ މަޖިލީހުގައި އެބަ ތިއްބެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އޮންލައިން ނޫސް "އަވަަސް" އިން ކުރިޔަށް ގެންދާ "ހުކުރު އަވަސް" ޕްރޮގްރާމް ގައި ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ އަދީބުގެ ވަޒީރު ކަމުގައި ފަޅުރަށް ނަންގަވައިގެން ރިސޯޓު ހެއްދެވި ބޭފުޅުން އަންނަ އަހަރު އެ ރިސޯޓުތައް ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށެވެ.

ނިހާން މި ގޮތަށް ވާހަކަދެއްކެވި އިރު، އަދީބުގެ ޓޫރިޒަމް މިނިސްޓަރު ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އޭނާ މެދުވެރިކުރައްވައިގެން ނާޖާއިޒު ގިނަ މުއާމަލާތްތަކެއް ހިންގެވި ކަމުގެ ތުހުމަތުތައް ދަނީ ކުރެވެމުންނެވެ. އަދީބު ފާހަގަ ކުރެވިގެން ގޮސްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ވަރަށް ގާތް ގުޅުން އޮތް ބޭފުޅެއްގެ ގޮތުގައެވެ. ރާއްޖޭގެ އެއްވެސް ނައިބު ރައީސަކާ މަޖިލީހުގެ މެންބަރުންނާ ނޯންނަ ފަދަ ގާތް ގުޅުމެއް އަދީބާ މަޖިލިސް މެންބަރުންނާ އެކު އޮތެވެ.

ނިހާން ވިދާޅުވީ އޭނާ އަށް ނުވަތަ އޭނާގެ އާއިލާ އަށް އަދީބުގެ ފަރާތްޕުޅުން ލިބިވަޑައިގެންނެވި ޒާތީ މަންފާއެއް ނޯންނާނެ ކަމަށެވެ. އޭނާއާ އަދީބާ ގާތް ގުޅުމެއް އުފެދިގެން ދިޔައީ އަދީބު ޕީޕީއެމްގެ ނައިބު ލީޑަރު ކަމަށް ގެންނަން 2012 ވަނަ އަހަރުގެ ތެރޭގައި ކުރެއްވި މަސައްކަތުގެ ތެރެއިން ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟