އިންތިޚާބުގައި މަސައްކަތް ކުރި ބައެއް މުވައްޒަފުން ލައްވައި އިންތިޚާބު ރަނގަޅު ނޫން ކަމަށް ބަޔާން ދިނުމަށް އެދި ބައެއް ފަރާތްތަކުން އާދޭސް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިވަޑައިގަންނަވަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.
ޝަރީފު އެހެން ވިދާޅުވީ އޭނާ މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގަ އެވެ.
ޝަރީފު އެހެން ވިދާޅުވި އިރު އިންތިޚާބުގެ ނަތީޖާއާ މެދު އެންމެ ފަހު ބަސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަނީ އިއްވައިފަ އެވެ. ރިޔާސީ އިންތިޚާބުގެ ނަތީޖާ ބާތިލުކޮށް އަލުން އިންތިޚާބު ބޭއްވުމުގެ އަމުރަކަށް އެދި ރައީސް ޔާމީން ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމް އިއްވީ އިންތިޚާބުގެ ނަތީޖާ ބާތިލުކުރަން ޖެހޭ ފަދަ އެއްވެސް ހެއްކެއް ދައުވާ ހުށަހެޅި ފަރާތުން ހުށަހަޅާފައި ނެތް ކަމަށެވެ. އެހެން ކަމުން އިންތިޚާބުގެ ނަތީޖާ ބާތިލު ނުކުރަން އުޕްރީމް ކޯޓުން ވަނީ ނިންމައިފަ އެވެ.
"ރައީސް އިބޫ އަށް ކާމިޔާބުވީ އީސީން ކަމެއް ކޮށްދީގެނެއް ނޫން. އަދި ރައީސް ޔާމީނަށް ނާކާމިޔާބު ވީކީ ވެސް އީސީން ކަމެއް ކޮށްގެނެއް ނޫން." ޝަރީފު މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.
ޝަރީފު މިގޮތަށް ޓުވީޓު ކުރެއްވި އިރު ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވައިލީ ސީދާ ޝަރީފު އަޑީގައި ހުންނަވައިގެން ކަމަށް ބުނެ ރައީސް ޔާމީންގެ ސަޕޯޓަރުން ދަނީ ޝަރީފަށް އެކި ކަހަލަ ތުހުމަތުތައް ކުރަމުންނެވެ.