ޚަބަރު

ފެންފުށި ކައުންސިލް އިދާރާތެރޭގައި ކައުންސިލަރުން މާރާމާރީ ހިންގައިފި

ޝަހީދާ އަބްދުﷲ ސައީދު

އދ. ފެންފުށީ ކައުންސިލްގެ ބައްދަލުވުމެއްގައި ހިތްހަމަނުޖެހުންތަކެއް އުފެދި، ކައުންސިލަރުން މާރާމާރީ ހިންގައިފިއެވެ.

''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ފެންފުށީ ކައުންސިލްގެ ނައިބު ރައީސް މޫސާ އަލީ ވިދާޅުވީ ކައުންސިލުން މިރޭ ރައްޔިތުންނާ ބައްދަލުކުރި އިރު ބައްދަލުވުން އޮންނަކަން އޭނާއަށް އަންގާފައި ނުވާ ކަމަށެވެ.

މިރޭގެ ބައްދަލުވުމަކީ މިދިޔަ މަހުގެ 31 ގައި ބާއްވަން ޖެހޭ ބައްދަލުވުމެއްކަން ފާހަގަކުރައްވައި މޫސަ ވިދާޅުވީ ގަވައިދުން ބައްދަލުވުންތައް ބާއްވައި ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރަމުން ނުދާ ކަމަށެވެ.

ރައްޔިތުންނާ ބައްދަލުކުރާކަން އެނގުމުން ކައުންސިލް އިދާރާއަށް ދިޔައިރު ބައްދަލުވުމަށް ގޮސް ތިބީ ރައްޔިތުންގެ ތެރެއިން ހަތަރު މީހުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިރޭގެ އެބައްދަލުވުން އޮންނާނެކަން ކުރިން އޭނާއަށް އަންގާފައިނުވަނީ ކީއްވެތޯ އާއި ރައްޔިތުންނާ ބައްދަލުކުރާއިރު އެހެން ކައުންސިލަރުންނަށް ވެސް އެކަން އަންގަންޖެހޭނެ ކަމަށް ކައުންސިލްގެ ރައީސް ޝާހިދު އަބްދުއްރަހީމް އާ ސުވާލުކުރިހިސާބުން މަސްލަހަތު ގޯސްވި ކަމަށް މޫސަ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެވަގުތު އޭނާ ފޯނުން ވީޑިއޯ ކުރަމުން ދިޔަ ކަމަށެވެ. މޫސަ ވިދާޅުވީ ރައްޔިތުންގެ ތެރެއިން ހާޒިރުވެތިބި ހަތަރު މީހުން ފޮނުވާލުމަށްފަހު ބައްދަލުވުން ނިންމާލުމަށްފަހު ވީޑިއޯ ޑިލީޓް ކުރުމަށް ކައުންސިލްގެ ރައީސް އެދުމުން ޑިލީޓް ނުކުރާނެ ކަމަށް އޭނާ ދެންނެވި ކަމަށެވެ.

އެވަގުތު އޭނާ އެތަނުން ނުކުންނަން ހިނގައިގަތުމުން ޒިންމާދާރުވެރިޔާގެ މަގާމުގައި ހުންނެވި ކައުންސިލްގެ މެންބަރު މުހައްމަދު އިބްރާހީމްގެ ކޮއްކޮ އޭނާއަށް ހުރަސް އެޅި ކަމަށާއި ކައުންސިލް މެންބަރު މުހައްމަދު އިބްރާހީމް އޭނާގެ ކަރުގައި ހިފި ކަމަށް ވެސް ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ އެކަން ހިނގީ މިރޭ 10 ޖަހާކަށްހާއިރު ކަމަށާއި އެމައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާނެ ކަމަށެވެ.

ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ފޯނަށް ޖަވާބު ނުދެއްވާތީ އެކަމާ ބެހޭ މައުލޫމާތު ވަނީ ލިބޭގޮތް ނުވެފައެވެ.

އެމައްސަލައާއި ގުޅިގެން ކައުންސިލްގެ މެންބަރު މުހައްމަދު އިބްރާހީމް ''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ބައްދަލުވުމުގައި ރައީސާއި ނައިބު ރައީސްގެ މެދުގައި ބަހުސެއް ހިނގައި ދިޔަ ކަމަށާއި ގަޔަށް އަތްލައި ހެދިކަން އެނގި ނުލައްވާ ކަމަށެވެ.

ކައުންސިލްގެ ރައީސް ޝާހިދު އަބްދުއްރަހީމް ''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ބައްދަލުވުމަށްފަހު ކުޑަ ހިތްހަމަ ނުޖެހުމެއް ހިނގައިދިޔަ ކަމަށާއި ގަޔަށް އަތްލައި މާރާމާރީ ހިންގިކަން އެނގިނުލައްވާ ކަމަށެވެ.

އަދި މިރޭގެ ބައްދަލުވުމަށް ދައުވަތު ނުދިން ކަމަށް މޫސަ ވިދާޅުވި ނަމަވެސް ބައްދަލުވުން ބާއްވަނީ ކައުންސިލަރުންނަށް ދައުވަތު ދީގެންކަން އޭނާ ފާހަގަކުރެއްވިއެވެ.

އަދި މިރޭގެ ބައްދަލުވުމަކީ 2020 ވަނަ އަހަރަށް ފާސްކުރި ބަޖެޓް ރައްޔިތުންނަށް ހުށަހަޅަން ބޭއްވި ބައްދަލުވުމެއް ކަމަށާއި ބައްދަލުވުންތައް ގަވައިދުން ކުރިއަށް ނުދަނީ އިދާރީ މައްސަލަތަކެއް ހުރުމުގެ އިތުރުން ބައެއް މުވައްޒަފުން ޗުއްޓީގައި ތިބުމާއި، ބަލިވެ، ހާޒިރު ނުވާތީ ކަމަށް ޝާހިދު ވިދާޅުވިއެވެ.