މިއަހަރުގެ އަޟްހާ އީދު ޅ. ހިންނަވަރުގައި ފާހަގަކުރުމަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ނިންމައިފިއެވެ.
ހިންނަވަރު ކައުންސިލާ ގުޅިގެން އެރަށުގައި އީދުގެ ހަރަކާތްތައް އެ ނިސްޓްރީގެ ފަރާތުން ކުރިއަށްގެންދާނީ މި އޮގަސްޓްމަހުގެ 11 އަދި 12 ވަނަ ދުވަހުއެވެ.
ހޯމް މިނިސްރީން ބުނި ގޮތުގައި އީދު ފާހަގަކުރާ ރަށަކަށް ހިންނަވަރު ހަމަޖެއްސީ މިނިސްޓްރީއާ ގުޅިގެން އީދުފާހަގަކުރަން ބޭނުންވާ ރަށްތަކުން ޕްރޮޕޯސަލް ހުށައެޅުމަށް އެދި ކައުންސިލްތަކަށް ފޮނުވި ސަރކިއުލާއާ ގުޅިގެން ޕްރޮޕޯސަލް ހުށައެޅި ރަށްތަކުގެ ތެރެއިން އެންމެ ރނގަޅު ޕްރޮޕޯސަލެއް ހުށައެޅި ރަށަކީ ހިންނަވަރު ކަމަށް ވާތީއެވެ.
ހިންނަވަރުގައި އީދު ފާހަގަކުރަން ނިންމުމުގެ ކުރިން މިނިސްޓްރީގެ ޓީމެއް އެރަށަށް ޒިޔާރަތްކޮށް މުއައްސަސާތަކާ ބައްދަލުކޮށް މަޝްވަރާކޮށް، މައުލޫމާތު އޮޅުންފިިލުވާފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ.
ހިންނަވަރުގައި އީދުގެ ހަރަކާތްތައް ކުރިއަށްގެންދާނީ ސަގާފީ ކުޅިވަރުތަކާއި، ސްޓޭޖް ހަރަކާތްތައް ހިމެނޭގޮތަށް ކަމަށްވެސް ހޯމް މިނިސްޓްރީން މައުލޫމާތުދެއެވެ. އެގޮތުން ހިންނަވަރުގައި އީދު ފާހަގަކުރުމަށް އެރަށުގެ ރައްޔިތުން މިހާރުވެސް އަންނަނީ ތައްޔާރުވަމުންނެވެ. އޭގެތެރޭގައި ދަނޑިޖެހުމާއި، ބަނޑިޔާޖެހުން ފަދަ ކުޅިވަރުތައް ހިމެނެއެވެ.
އެ މިނިސްޓްރީއާ ގުޅިގެން އީދު ފާހަގަކުރުމަށް ހަ ރަށަކުން ޕްރޮޕޯސަލް ހުށަހެޅި ކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ.
ހިންނަވަރުގައި ކުރިއަށްގެންދާ އީދު ކުޅިވަރުތައް ވަގުތުން ދެއްކުމަށްވެސް ވަނީ ހަމަޖެހިފައެވެ.