ޚަބަރު

އަލިފާން ރޯވި ގޭގެ މީހުންނަށް އެންޑީއެމްއޭއިން އިން އެހީވަނީ

މިއަދު ހެނދުނު ހ.ޓެންސްޓާރ ގޭގެ 6 ވަނަ ފަންގިފިލާގެ ޓެރަސްގައި ރޯވި އަލިފާން ނިއްވަން އުޅުމުގެ ތެރޭގައި، ކަރަންޓް ބޯޑަށް ފެންއެޅި، މުޅި ގެއިން ކަރަންޓް ކަނޑައިގެން ގޮސްފައިވާތީ، އެގޭގެ މީހުންނަށް، ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

އެންޑީއެމްއޭ އިން ބުނީ އެގޭގެ މީހުންނަށް ވަގުތީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

އެންޑީއެމްއޭ އިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، އަލިފާނުގެ ހާދިސާގައި އަލިފާން ނިންވުމުގެ ތެރޭގައި ކަރަންޓްބޯޑުތަކަށް ފެންއެޅި، ގެއިން ކަރަންޓް ކެނޑިފައިވާތީ އެގޭގައި ދިރިއުޅޭ 16މީހުންނަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ކެއުންބުއިމުގެ އިންތިޒާމްތައް ފޯރުކޮށްދެމުންދާ ކަމަށެވެ.

ނަަމަވެސް އެމީހުން އަލުން އެ ގެއަށް ބަދަލު ކުރެވޭނެ އިރެއް ސެންޓަރުން ބުނެފައެއް ނުވެއެވެ.

ހ.ޓެންސްޓާރ ގޭގައި މިއަދު އަލިފާން ރޯވީ އެގޭގެ 6 ވަނަ ފަންގިފިލާގެ ޓެރަސްގައި ހުރި ގެ ގަނޑެއްގައެވެ. އެތަނަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވި ނަމަވެސް އެހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

މިހާތަނަށް ކުރި ތަހުގީގުތަކުން އެ ހާދިސާ ހިނގަން މެދުވެރިވީ، އެގެއާ އިންވެގެން ހުރި ގޭގައި ވެލްޑިން ކުރަމުން ދަނިކޮށް ބުރި އަލިފާން ކަންޏެއް ޓެންސްޓާގެ ޓެރަސް މަތީގައި އޮތް ގޮދަޑިއެއްގައި ޖެހި އޭގައި ރޯވެގެން ކަމަށް ބެލެވޭ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި ހާދިސާގައި ގިނަ އަދަދެއްގެ ތަކެއްޗަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.

އެގޮތުން ، 9000 ބީޓީޔޫގެ ހިޓާޗީ އެއާކޯނަކާއި، ދެ ބައިސްކަލަކާއި މަސް ޓޭންކެއްގެ އިތުރުން ގޮދަޑިއަކާއި ޕްލާސްޓިކް މޭޒަކަށް ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން، ތިން ބޫޓާއި، ލަކުޑިން ހަދާފައި ހުރި ކަބަޑަކާއި ޓެރަސްއަށް ވަންނަ ދޮރަށް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ލިބުނީ މިއަދު 11:11 ހާއިރުއެވެ.

އަލިފާން ނިއްވާލެވިފައި ވަނީ 11:35 ހާއިރުއެވެ.