ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު ސީޝެލްސްގެ ބޮޓަނިކަލް ގާޑަން އަށް ޒިޔާރަތް ކުރައްވައިފިއެވެ.
ބޮޓަނިކަލް ގާޑަން އަކީ އެކި ގޮތްގޮތުން މުޅި ދުނިޔޭގެ މަޝްހޫރުކަން ލިބިފައިވާ ތަނެކެވެ.
ހާއްސަކޮށް ހިމާޔަތް ކުރެވިފައިވާ، ގިނަ ދުވަސްވީ ބޮޑެތި ވެލާ ތަކުގެ ސަބަބުން އެތަނަކީ ދުނިޔޭގެ ސަމާލުކަން ވަރަށްބޮޑަށް ހުއްޓިފައިވާ ތަނެކެވެ. ނުދިޔޭގެ އެންމެ ބޮޑު ނަޓް ގެ ގޮތުގައި ފާހަގަކުރެވޭ، ކޮކޯޑީމާ އަކީވެ ބޮޓަނިކަލް ގާޑަން އިން ފާހަގަކޮށްލެވޭ އެއްޗެކެވެ. އެއީ ސީޝެލްސްގެ ގައުމީ ގަހުގެ ގޮތުގައި ކަނޑައަޅާފައިވާ ރުކެކެވެ. ކޮކޯޑީމާ އަކީ އެ ރުކުގައި އަޅާ، ކާށިފަދަ މޭވާއަކަށް ކިޔާ ނަމެކެވެ.
ބޮޓަނިކަލް ގާޑަން އަށް ރައީސްގެ ދެ ކަނބަލުން ކުރެއްވި ޒިޔާރަތުގައި ކޮކޯޑީމާ ޓްރީ (ރުއް) އެއް ވަނީ އިންދަވައި ދެއްވައިފައެވެ.
މީގެ އިތުރުން ރައީސުލް ޖުމްހޫރިއްޔާގެ ދެމަފިރިކަނބަލުން މިއަދު ވަނީ، ލަމިސެރެ ވިއު ޕޮއިންޓަށްވެސް ޒިޔާރަތް ކުރައްވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު ސީޝެލްސްއަށް ވަޑައިގަތީ އިއްޔެއެވެ. މި ދަތުރުފުޅުގައި ދިވެހި ސަރުކާރާއި ސީޝެލްސްގެ ސަރުކާރާ ދެމެދު ހަތް އެއްބަސްވުމެއްގައި އިއްޔެ ސޮއިކުރައްވައި ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ވަނީ ބާއްވަވައިފައެވެ.