ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ހައްޔަރުކުރުމުގެ އަމުރަކަށް ސުޕްރީމް ކޯޓުގައި އެދިފައިވާނެ ކަމަށާއި އެ އަމުރު ތަންފީޒު ކުރެއްވި ނަަމަ، އަދީބަށް ނުފިލުނީސް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވެއްޖެއެވެ.
"ވަން އޮންލައިން"އަށް މިރޭ މައުލޫމާތު ދެއްވަމުން ޕީޖީ ބިޝާމް ވިދާޅުވީ، ޅ. މާބިންހުރާ މައްސަލައިގައި އަދީބު ހައްޔަރުކޮށްދިނުމުގެ އަމުރަކަށް މިދިޔަ ޖޫންމަހުގެ ދެވަނަ ދުވަހު ސުޕްރީމް ކޯޓުގައި އެދިވަޑައިގެންފައިވާނެ ކަމަށެވެ.
ޅ.މާބިންހުރާގައި ރިސޯޓެއް ތަރައްގީ ކުރަން އެރަށް ކުއްޔަށް ދިން ކުރެއްދޫ ހޯލްޑިންސްއިން އެމްއެމްޕީއާރްސީއަށް ދިން އެއް މިލިއަން ޑޮލަރަށް ހިޔާނާތްތެރިވި މައްސަލައިގައި އަދީބަށް އިއްވި 8 އަހަރުގެ ޖަލު ހުކުމް ކްރިމިނަލް ކޯޓުން ބާތިލު ކުރުމުން ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކޮށްފައެވެ. އަދި އިސްތިއުނާފު މައްސަލައިގައި ގޮތެއް ކަނޑައަޅަންދެން އަދީބުގެ ޕާސްޕޯޓު ހިފަހެއްޓުމުގެ އަމުރެއް ނެރެދިނުމަށް ޕީޖީން ވަނީ އެދިފައެވެ.
ޕީޖީ ވިދާޅުވީ އެ ދެ އަމުރު ނެރެދޭން އެދުނު ނަމަވެސް، ސުޕްރީމް ކޯޓުން ނެރެދިނީ އަދީބުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރު އެކަނި ކަމަށެވެ. އަދި ޕީޖީން އެދުނު ގޮތަށް އަދީބު ހައްޔަރުކޮށްދިން ނަމަ އޭނާއަށް ނުފިލުނީސް ކަމަށްވެސް ބިޝާމް ވިދާޅުވިއެވެ.
"ފިއްލަވާފާނެ ކަމަށް، އެފަދަ ކަމެއް ވެދާނެ ކަމަށް އެދުނީ އެ އުމުރު ނެރެދޭން. މިނިވަނެއްގެ ގޮތުގައި ހުރީމަ ދެއްތޯ ފިލުނީ،" ބިޝާމް ވިދާޅުވިއެވެ.
ޕާސްޕޯޓު ހިފަހައްޓާފައިވަނިކޮށް ކަނޑުމަގުން އަދީބު ފިލީ ޓަގް ބޯޓަކަށް އަރައިގެންނެވެ. އޭނާ ކަނޑުމަގުން އިންޑިއާއަށް އެތެރެވުމުން އެގައުމުގެ ކަމާބެހޭ ފަރާތްތަކުން އޭނާއާ ސުވާލު ކުރަމުން އަންނަ ކަމަށާއި އަދިވެސް އޭނާ ހުރީ ޓަގު ބޯޓުގައި ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުގައިވެއެވެ.
އަދީބު ފިލުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވާ އިރު، ފުލުހުން ބުނީ އޭނާ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ކުރީގެ ނައިބު ރައީސް އަދީބު އިންޑިއާގެ ހިމާޔަތަށް ވެސް އެދިފައިވެއެވެ.