ކޮންމެ އަހަރަކު ވެސް، ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އެންމެ ގިނައިން ޓެކްސް ދައްކާ ފަރާތްތަކަށް މީރާ އިން ދޭ ރަން ލާރި އެވޯޑު 17 ފަރާތަކަށް ދީފިއެވެ. މި 17 ފަރާތަކީ ނިމިދިޔަ 2018 ވަނަ އަހަރު މީރާއަށް ގަވާއިދުން ޓެކްސް ދައްކި އެންމެ ރަނގަޅު ކުންފުނިތަކެވެ.
ދަރުބާރުގޭގައި މިރޭ ކުރިއަށްދިޔަ މީރާގެ ނުވަ ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ރަން ލާރި އެވޯޑު 17 ފަރާތަކަށް ދީފައިވަނީ 11 ކެޓަގަރީއަކުންނެވެ. މި އެވޯޑު ލިބުނު ފަރާތްތަކާ އެވޯޑު ހަވާލުކޮށްފައިވަނީ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވި ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. މި ރަސްމިއްޔާތުގައި ރަން ލާރި އެވޯޑު ދީފައިވަނީ؛
* ބިޒްނަސް ޕްރޮފިޓް ޓެކްސް ކެޓަގަރީއިން، އުރީދޫ މޯލްޑިވްސް، ޓްރާންސް މޯލްޑިވިއަން އެއާވޭސް އަދި ޔުނިވާސަލް އެންޓާޕްރައިސަސް
* ޓުއަރިޒަމް ޖީއެސްޓީ ޓުއަރިސްޓް ރިސޯޓް (ބެޑް ކެޕޭސިޓީ 150 އަށް ވުރެ މަދު) ކެޓަގަރީއިން ޗެވަލް ބްލޭންކް ރަންދެލި
* ޓުއަރިޒަމް ޖީއެސްޓީ ޓުއަރިސްޓް ރިސޯޓް (ބެޑް ކެޕޭސިޓީ 150 އާއި 250 އާއި ދެމެދު) ކެޓަގަރީއިން ފޯ ސީޒަންސް ރިސޯޓް މޯލްޑިވްސް އެޓް ލަނޑާ ގިރާވަރު
* ޓުއަރިޒަމް ޖީއެސްޓީ ޓުއަރިސްޓް ރިސޯޓް (ބެޑް ކެޕޭސިޓީ 250އަށް ވުރެ ގިނަ) ކެޓަގަރީއިން ކުރަމަތި މޯލްޑިވްސް
* ޓުއަރިޒަމް ޖީއެސްޓީ - ޓްރެވަލް އޭޖެންސީ ކެޓަގަރީ އިން އިންޓުއާ މޯލްޑިވްސް
* ޓުއަރިޒަމް ޖީއެސްޓީ - ޓުއަރިސްޓް ހޮޓެލްސް ކެޓަގަރީ އިން ހުޅުލެ އައިލެންޑް ހޮޓެލް
* ޓުއަރިޒަމް ޖީއެސްޓީ - ޓުއަރިސްޓް ވެސަލްސް ކެޓަގަރީ އިން ފޯ ސީޒަންސް އެކްސްޕްލޯރާ
* ޓުއަރިޒަމް ޖީއެސްޓީ - ޓުއަރިޒަމް ގެސްޓްހައުސް ކެޓަގަރީ އިން ސީޒަން ޕެރަޑައިސް
* ޓުއަރިޒަމް ޖީއެސްޓީ - ޑޮމެސްޓިކް އެއާ ޓްރާންސްޕޮޓޭޝަން ކެޓަގަރީ އިން ޓްރާންސް މޯލްޑިވިއަން އެއާވޭސް
* ކުދި ވިޔަފާރިތަކުގެ ކެޓަގަރީއިން ގަލޮޅު އޮޓޯ ގަރާޖް/ އޮޓޯ ޕާޓްސް ގަލޯރ
* މެދު ފަންތީގެ ވިޔަފާރި ކެޓަގަރީއިން ޑީ ބްލޫ ޕްރައިވެޓް ލިމިޓެޑް
* ބޮޑެތި ވިޔަފާރިތަކުގެ ކެޓަގަރީއިން ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް
* ބޭންކް ޕްރޮފިޓް ޓެކްސް ކްޓަގަރީ އިން ބޭންކް އޮފް މޯލްޑިވްސް
* ވިތްހޯލްޑިންގް ޓެކްސް ކެޓަގަރީ އިން ޓްރާންސް މޯލްޑިވިއަން އެއާވޭސް އަދި،
* ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކެޓަގަރީ އިން ދިރާގަށެވެ.
ރަންލާރި އެވޯޑަކީ މީރާގެ އަހަރީ ދުވަހުގެ ޖަލްސާގައި 2012 އިން ފެށިގެން ކޮންމެ އަހަރަކުވެސް ދެމުންއަންނަ އެވޯޑެކެވެ. އެއީ ޓެކްސް ދައްކާ ފަރާތްތަކުން ކުރާ ބުރަ މަސައްކަތް ބަލައިގަނެ އަގު ވަޒަންކުރުމުގެ ގޮތުން މީރާއިން ދެމުން އަންނަ އެވޯޑެކެވެ.