މެދުރާއްޖެ ތެރޭގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން ބަލަމުންދާ މައްސަލާގައި އެ ކުއްޖާއަށް ޖިންސީ ގޯނާކުރި މީހަކީ ނަފްސާނީ ބަލި ހުންނަ މީހެއް ކަމަށް ފުލުހުން ބުނެފިއެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން މިއަދު ބުނީ، 13 އަހަރުގެ ކުއްޖަކަށް ގަދަކަމުން ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިދިޔަ ހަފްތާގެ ހުކުރު ދުވަހު ހުށަހެޅިފައިވާ ކަމަށެވެ.
އަދި އެ މައްސަލާގައި ފުލުހުން ބެލި ބެލުމުން، އެ ކުއްޖާއަށް ޖިންސީ ގޯނާކުރި މީހަކީ ނަފްސާނީ ބަލި ހުންނަ މީހެއްކަން އެނގިފައިވާ ކަމަށާއި އެހެންކަމުން އޭނާ ފަރުވާދިނުމަށް އިދާރީ ގޮތުން ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
"(ޖިންސީ ގޯނާކުރި މީހާއަކީ) މުޖުތަމައު ތެރޭގައި އާންމުކޮށް ދޫވެފައި ހުރެއްޖެނަމަ، މުޖުތަމައުގެ ސަލާމަތާއި އޭނާގެ އަމިއްލަ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ފުލުހުންގެ ތަހުގީގަށް ފެނޭ. އެހެންކަމުން ޖެންޑާ މިނިސްޓްރީއާ ގުޅިގެން އޭނާ ފަރުވާދިނުމަށް އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ފުލުހުން މި ގެންދަނީ ކުރަމުން،" ފުލުހުން ބުނެފައިވެއެވެ.
އެ މައްސަލަ ފުލުހުން ބަލަމުން އަންނައިރު، ޖެންޑާ މިނިސްޓްރީން ވެސް މިއަދު ވަނީ އެފަދަ މައްސަލައެއް އެ މިނިސްޓްރީއަށް ހުށަހެޅިފައިވާ ކަމަށާއި އަދި އެ މައްސަލަ ބަލަމުންދާ ކަމަށް ބުނެފަ އެވެ. ނަމަވެސް ކުއްޖާގެ ރައްކާތެރިކަމަށް އެ ހާދިސާ ހިނގި ރަށެއް އަދި ކުއްޖާގެ އުމުރެއް ވެސް ޖެންޑާ މިނިސްޓްރީން ހާމައެއް ނުކުރެއެވެ.