ތަރައްގީވެފައިވާ ޓެކްސް ނިޒާމްތަކުގައި ހުންނަ ހުރިހާ ސިފަތަކާއި ކުލަތަކެއް ރާއްޖޭގެ ޓެކްސް ނިޒާމުން މިހާރު އަންނަނީ ފެންނަމުން ކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު ވިދާޅުވެއްޖެއެވެ.
ޔަޒީދު މިހެން ވިދާޅުވެފައި ވަނީ މިރޭ ކުރިއަށްދިޔަ މީރާގެ ނުވަވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މި ޖަލްސާގައި ވާހަކަދައްކަވަމުން ޔަޒީދު ވިދާޅުވީ މީރާ އުފެދުނީއްސުރެ މީރާއިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ޓެކްސް ދައްކާ ފަރާތްތަކާމެދު ހަމަހަމަ ކަމާއި އިންސާފާއި އަދުލުވެރިކަމާއެކު އަމަލު ކުރުމަށް ކަމަށެވެ. އަދި އަބަދުވެސް މަސައްކަތް ކުރަނީ ޓެކްސް ދައްކާ ފަރާތްތަކަށް ފުރިހަމަ ހިދުމަތް ދިނުމުގެ ނަމޫނާ މުއައްސަސާއަކަށް ވުމަށް ކަމަށް ޔަޒީދު ވިދާޅުވިއެވެ. ޔަޒީދު ވިދާޅުވީ މިއީ މީރާގެ އަމާޒު ކަމަށެވެ. އަދި މިއަމާޒު ހާސިލްކުރުމަށް ފާހަގަކޮށްލެވޭ ކަންކަން ފާއިތުވި ދުވަސްތަކުގައި މީރާއިން ކުރެވިފައިވާ ކަމަށް ގަބޫލުކުރައްވާކަމަށް ޔަޒީދު ވިދާޅުވިއެވެ.
''އަޅުގަނޑުމެންގެ ހުރިހާ މަސައްކަތެއްވެސް ބައްޓަންކޮށްފައިވަނީ ޓެކްސް ނިޒާމް ހަރުދަނާކޮށް ތަރައްގީކޮށް ކުރިއަރުވައި، ވިޔަފާރިތަކާއި ގުޅިގެން މަސައްކަތްކޮށް ޓެކުހުން ލިބެންވާ ފުރިހަމަ މަންފާ ގައުމަށް ހޯދައިދިނުމަށް. އަދި ހަމަހަމަ ކަމާއެކު ޓެކްސް ނިޒާމަކީ ވިޔަފާރިއާއި ރައްޓެހި، އެފަރާތްތަކަށް ފުރިހަމަ އިތުބާރު ލިބިފައިވާ ނިޒާމަކަށް ހެދުމަށް''
ޓެކުހުގެ އާމްދަނީ އަކީ ގައުމުގެ ތަރައްގީގެ މައި ނާރު ކަމަށް ޔަޒީދު ވިދާޅުވިއެވެ. އަދި ޓެކުހުގެ ނިޒާމް ތަރައްގީކޮށް، ކުރިއަރުވައި، ގައުމުގެ ކުރިއެރުމަށް ޓެކުހުން ބޭނުންވާ ފުރިހަމަ މަންފާ ހޯދައިދިނުމަށް ކެނޑިނޭޅި މީރާއިން މަސައްކަތް ކުރަމުން އަންނަ ކަމަށޤ ޔަޒީދު ވިދާޅުވިއެވެ. އަދި އަބަދުވެސް ޓެކްސް ދައްކާ ފަރާތްތައް ލިބެންވާ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދެމުން އަންނަ ކަމަށާއި، އަބަދުވެސް ޓެކްސް ދައްކާ ފަރާތްތަކަށް ލުއި ފަސޭހަ ގޮތްތައް ހަމަޖައްސައިދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޔަޒީދު ވިދާޅުވިއެވެ.
ދަރުބާރުގޭގައި މިހާރު ކުރިއަށްދާ މީރާގެ ނުވަވަނަ އަހަރީ ދުވަހުގެ ޖަލްސާގެ ޝަރަފުވެރިކޮށްދެއްވީ ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. މި ޖަލްސާގައި އެންމެ ގިނައިން ޓެކްސް ދައްކާ ފަރާތްތަކަށް ދޭ ރަން ލާރި އެވޯޑް 17 ފަރާތަކަށް ދީފައިވެއެވެ.