ހދ. ކުޅުދުއްފުށީގެ ތިން ސްކޫލަކަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ޒިޔާރަތް ކުރައްވައިފިއެވެ.
ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލްގެ އިތުރުން ހދ.އަތޮޅު ތައުލީމީ މަރުކަޒަށާއި އަފީފުއްދީން ސްކޫލަށް ނައިބް ރައީސް ޒިޔާރަތް ކުރައްވާފައިވަނީ ހދ. އަތޮޅުގެ ބައެއް ރަށްތަކަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ސްކޫލްތަކުގެ އިސްވެރިންނާ ވަކިވަކިން ބޭއްވެވި ބައްދަލު ކުރެއްވުންތަކުގައި އެ ސްކޫލްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ސްކޫލުގައި ހުރި ކަންބޮޑުވުންތައް ސްކޫލުގެ އިސްވެރިން ވަނީ ނައިބު ރައީސްއާ ހިއްސާކުރައްވައިފައެވެ.
އެގޮތުން ޖަލާލުއްދީން ސްކޫލްގެ އިސްވެރިން ވަނީ ސްކޫލްގެ މުސްތަގުބަލަށް ވިސްނަވައިގެން ހަރުދަނާ ޕްލޭނެއް ސަރުކާރުން ރޭވުމުގެ އިތުރުން ޓީޗަރުންނަށް ބޭނުންވާ ތަމްރީނު ލިބޭނެ މަގު ހަމަޖައްސައިދިނުމަށް އެދިފައެވެ. އަދި އެ ސްކޫލަކީ ޖާގަ އޮތް ސްކޫލަކަށް ވުމުން ސްކޫލްގެ ވަސީލަތްތައް އެންމެ އެދެވޭ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ރާވައިދިނުމަށާއި ސްކޫލާއި ޖެހިގެން އޮންނަ ހުސްބިން އެ ސްކޫލްގެ ދަރިވަރުން ކުޅިވަރަށް ބޭނުން ކުރެވޭނެ ތަނަކަށް ހައްދަވައި ދެއްވުމަށް އެ ސްކޫލުގެ އިސްވެރިން ނައިބު ރައީސްގެ ކިބައިން އެދިވަޑައިގަތެވެ.
ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ އިސްވެރިންނާއެކު ނައިބު ރައީސް ބޭއްވެވި ބައްދަލުކުރެއްވުމުގައި އެ ސްކޫލުގެ އިސްވެރިން ވަނީ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި އިމާރާތް ބާވެ ދިމާވަމުންދާ ދަތިތައް ހިއްސާ ކުރައްވައިފައެވެ.
އަފީފުއްދީން ސްކޫލުގެ މެނޭޖްމަންޓުން ހިއްސާކުރި ކަންބޮޑުވުންތަކުގައި 2017 ވަނަ އަހަރު ތެރޭ އެސްކޫލަށް ލިބުނު އާ އިމާރާތުގެ ކްލާސްރޫމްތަކަށް ވިއްސާރަވުމުން ފެން ބުރައި، އެކަމުގެ ސަބަބުން ކުދިންނަށް އެކި ދަތިތަކާ ކުރިމަތިވާކަން ފާހަގަކުރެއްވިއެވެ. އަދި ސްކޫލާއި ވަރަށް ގާތުގައި ކުނިކޮށި ހުރުމުގެ ސަބަބުން އެކަމުގެ ނޭދެވޭ އަސަރު ދަރިވަރުންނަށާއި މުވައްޒަފުންނަށް ކުރާކަން އެ ސްކޫލުގެ އިސްވެރިން ނައިބް ރައީސްއާ ވަނީ ހިއްސާ ކުރައްވައިފައެވެ.
މި ތިން ބައްދަލުވުމުގައި ވެސް ނައިބު ރައީސް ވަނީ ތައުލީމަކީ މި ސަރުކާރުން އެކަމަކަށް ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދެއްވާ ދާއިރާއެއްކަން ފާހަގަކުރައްވައިފައެވެ. އަދި ކުޅުދުއްފުށީގެ ތިން ސްކޫލްގެ އިސްވެރިންގެ އިތުރުން ރަށު ކައުންސިލާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ރަށުގެ ސްކޫލްތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް މަޝްވަރާ ކުރައްވަމުން ގެންދަވާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބް ރައީސް ހދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.