ޚަބަރު

ހިދުމަތް މެދުކެނޑުނީ ތާޑް-ޕާޓީ އެޑްމިނިސްޓްރޭޓަރުގެ ސަބަބުން، ހިދުމަތް މިހާރު ލިބޭނެ: އާސަންދަ

އަވަށްޓެރި އިންޑިއާގެ ބައެއް ހޮސްޕިޓަލްތަކުން ދެމުންދިޔަ އާސަންދަ ހިދުމަތް މެދުކެނޑުނީ އެ ހިދުމަތް ދިނުމަށް ހަވާލު ކޮށްފައިވާ ތާޑް-ޕާޓީ އެޑްމިނިސްޓްރޭޓަރު އިތުރު އިޝާރާތެއް ނެތި ހިދުމަތް ހުއްޓާލުމުން ކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.

ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާއަށް ގޮސް އުޅޭ އިންޑިއާގެ ޓްރިވެންޑްރަމް އަދި ކޮޗިންގައި ހުންނަ ބޮޑެތި ހޮސްޕިޓަލްތަކުން ދެމުންދިޔަ އާސަންދަ ހިދުމަތް މެދުކެނޑުނުކަން އެނގުނީ ބޭސްފަރުވާއަށް ގޮސް އުޅުނު މީހުން އެ ވާހަކަ މީސް މީޑިއާގައި ދައްކަން ފެށުމުންނެވެ.

ނަމަވެސް އެކަމާ ގުޅިގެން މިވަގުތާ ހަމައަށް އާސަންދަ ކުންފުނިން އެއްވެސް އެއްޗެއް މީޑިއާއަކަށް ހާމަ ކޮށްފައެއް ނުވެއެވެ. އަދި އެކަމާ ގުޅިގެން ތަކުރާރުކޮށް އާސަންދަ ކުންފުންޏާ މީޑިއާތަކުން ސުވާލު ކުރަމުންދިޔައެވެ.

އެ މައްސަލައާ ގުޅިގެން އާސަންދަ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ، ޓްރިވެންޑްރަމް އަދި ކޮޗިންގައި ހުންނަ ހޮސްޕިޓަލްތަކުން އާސަންދަ ހިދުމަތް ފޯރުކޮށްދެނީ ތާޑް-ޕާޓީ އެޑްމިނިސްޓްރޭޓަރ (ޓީޕީއޭ)އެއް މެދުވެރިކޮށް ކަމަށެވެ.

ނަމަވެސް މިދިޔަ ހޯމަ ދުވަހު ޓީޕީއޭއިން އިތުރު އިޝާރާތެއް ނެތި، ހިދުމަތް އިތުރަށް ކުރިއަށް ނުގެންދާނެ ވާހަކަ ހޮސްޕިޓަލްތަކަށް އެންގި ކަމަށާއި ހިދުމަތްތަކަށް ބުރޫއެރީ އެކަމުގެ ސަބަބުން ކަމަށް އާސަންދަ އޮފީހުގެ ބަޔާނުގައި ބުނެފައިވެ އެވެ.

"ހިދުމަތް ލިބުމުގައި ދަތިތައް ދިމާވި ހޮސްޕިޓަލްތަކުގެ ތެރެއިން، ޓްރިވެންޑްރަމްގައި ހުންނަ އާނާންތަޕޫރީ، ޗައިތަންޔާ، އާރްސީސީ އަދި ކިމްސް ހޮސްޕިޓަލް އަދި ކޮޗިންގައި ހުންނަ އަމްރިތާ ހޮސްޕިޓަލުން މިހާރު ހިދުމަތް ފުރިހަމައަށް ލިބޭނެއެވެ.،" އާސަންދަ ކުންފުނީގެ ބަޔާނުގައި ބުނެފައިވެ އެވެ.