ޚަބަރު

ރާއްޖެއާއި ސީޝެލްސްއާ ދެމެދު ހަތް އެއްބަސްވުމެއްގައި ސޮއިކޮށް، ރަސްމީ މަޝްވަރާތައް ކޮށްފި

ފަތޯނާ ފާއިޒު

ދިވެހި ސަރުކާރާއި ސީޝެލްސްގެ ސަރުކާރާ ދެމެދު 7 އެއްބަސްވުމެއްގައި ސޮއިކޮށް ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ކޮށްފިއެވެ.

އެކި ދާއިރާތަކުން ގުޅުންބަދަހި ކުރުމަށް ދެ ގައުމުގެ ދެމެދު ސޮއިކޮށްފައިވަނީ، ސީޝެލްސްގެ ރައީސްގެ ދަޢުވަތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު އެގައުމަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައެވެ.

މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ ކުޅިވަރާއި ފަތުރުވެރިކަމާއި ޚާރިޖީ ދާއިރާއާއި އިޤްތިޞާދީ ދާއިރާގެ އިތުރުން ޕްރޮފެޝަނަލް ޑިވެލޮޕްމަންޓާއި މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅޭ ދާއިރާތަކުން ދެގައުމުގެ ދެމެދު ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކެކެވެ.

މީގެ އިތުރުން ރާއްޖެ އާއި ސީޝެލްސްއާ ދެމެދު މިއަދު ވަނީ ރަސްމީ ވާހަކަތައް ވެސް ކުރިއަށް ގެންގޮސްފަ އެވެ. ސީޝެލްސްގެ ރައީސް ޑެނީ ފޯރގެ ރަސްމީ އޮފީހުގައި ކުރިއަށްދިޔަ އެ ރަސްމީ ވާހަކަފުޅުތަކުގައި ދެ ގައުމުން މައިގަނޑު ގޮތެއްގައި މަޝްވަރާ ކޮށްފައިވަނީ އެކި ދާއިރާތަކުން ރާއްޖެ އާއި ސީޝެލްސްއާ ދެމެދު އިތުރަށް ގުޅުން ބަދަހި ކުރެއްވުމާ ގުޅޭ ގޮތުންނެވެ. އޭގެ ތެރޭގައި ކުދި ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުން ވެސް ވަނީ މަޝްވަރާ ކޮށްފަ އެވެ.

މީގެ އިތުރުން އިންޑިއާ ކަނޑުގެ ސަލާމަތާ ރައްކާތެރިކަމާ ބެހޭގޮތުންނާއި ކަނޑުމަތީގައި ހިނގާ ފޭރުމާ އެނޫންވެސް އެފަދަ ޤާނޫނާ ޚިލާފު އަމަލުތައް ހުއްޓުވުމުގައި އެހީތެރިކަން ފޯރުކޮށްދީ ގުޅިގެން މަސައްކަތްކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ކަންކަމާ އަދި ނޫ އިޤްތިޞާދެއް ބިނާކުރުމުގައި އެއް ޤައުމު އަނެއް ޤައުމަށް އެއްބާރުލުން އިތުރު ކުރުމާބެހޭ ގޮތުން ވެސް ދެ ގައުމުގެ ދެމެދުގައި ވަނީ މަޝްވަރާ ކޮށްފަ އެވެ.

މި ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ ދެން އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ރާއްޖޭގައި ބޭއްވުމުގެ ބިޑް ކާމިޔާބުކުރުމުގައި ސީޝެލްސްގެ ސަރުކާރުން ދެއްވި އެއްބާރުލުމަށްޓަކައި އެގައުމުގެ ސަރުކާރަށް އަދާކުރައްވައިފަ އެވެ. އަދި ރާއްޖޭގައި ބާއްވާ ކުޅިވަރު މުބާރާތުގައި ސީޝެލްސްގެ އެތުލީޓުން ބައިވެރިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ކުޅިވަރުގެ ދާއިރާއިން ސީޝެލްސްއާ އެކުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ އެއްބަސްވުމަކީ ކުރިއަށް އޮތް އައިއޯއައިޖީއަށް ރާއްޖެ ތައްޔާރުވުމަށް ލިބޭ އިތުރު ބާރަކަށް ވެގެންދާނެކަން ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.

ރައީސް ސޯލިހު އިތުރަށް ވަނީ އެމަނިކުފާނުގެ ދެކަނބަލުންނަށާއި އެގައުމަށް ވަޑައިގެންނެވި ދިވެހި ވަފުދަށް ސީޝެލްސްގެ ސަރުކާރުން އެރުވި މެހުމާންދާރީއާ ބަހައްޓަވާ ގާތްކަމަށްޓަކައި ޝުކުރު އަދާކުރައްވައިފައެވެ. ބައްދަލުވުމުގައި ސީޝެލްސްގެ ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ ރައީސް ސީޝެލްސްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވީތީ ޝުކުރު އަދާކުރައްވައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން ބޭނުންވާކަން ފާހަގަކުރެއްވިއެވެ. އަދި ރަސްމީ ވާހަކަފުޅުތައް ނިންމަވާލައްވަމުން ދެ ލީޑަރުން ވެސް ވަނީ ދެ ޤައުމުގެ އެކުވެރިކަން ދެމެހެއްޓުމަށް އަބަދު ވެސް މަސައްކަތް ކުރައްވާނެކަން ތަކުރާރު ކުރައްވައިފައެވެ.