ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދަށް ސީޝެލްސްގެ ސަރުކާރުން ހޫނު މަރްޙަބާއެއް ދަންނަވައިފިއެވެ.
ރައީސްގެ ދެކަނބަލުންނަށް ރަސްމީގޮތުން މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ހެނދުނު ސީޝެލްސްގެ ރައީސްގެ ރަސްމީ އޮފީހުގައެވެ. ރައީސްގެ ދެކަނބަލުން ސީޝެލްސްގެ ރައީސްގެ އޮފީސްކޮޅަށް ވަޑައިގަތުމުން، މަރްޙަބާ ވިދާޅުވީ، ސީޝެލްސްގެ ރައީސް ޑެނީ ފޯރއެވެ.
މިރަސްމިއްޔާތުގައި ރައީސް ސޯލިހާއި ސީޝެލްސްގެ ރައީސް ޕޯޑިއަމަށް އަރާވަޑައިގަތުމުން ދެ ގައުމުގެ ޤައުމީ ސަލާން ކުޅުނެވެ. އަދި ރައީސް ސޯލިހުގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑެއް އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ. އެއަށްފަހު ސީޝެލްސް ސަރުކާރުގެ އިސްބޭފުޅުން ރައީސް ސޯލިހަށް ތައާރަފްކޮށް އެރުވިއިރު، ރައީސްގެ އަރިހުގައި ސީޝެލްސްއަށް ވަޑައިގެންނެވި ބޭފުޅުން، ސީޝެލްސްގެ ރައީސަށް ތަޢާރުފުކޮށް އެރުވުން ވެސް މިރަސްމިއްޔާތުގައި އޮތެވެ.
މަރުޙަބާ ދެންނެވުމުގެ މިރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ރަސްމީ ފޮޓޯފުޅެއް ނެންގެވުމުގައި ބައިވެރިވެ ވަޑައިގެންފައެވެ.
ރައީސުލްޖުމްހޫރިއްޔާ ސީޝެލްސްއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެގައުމުގެ ރައީސްގެ ދައުވަތަކަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅެކެވެ.