އަވަށްޓެރި އިންޑިއާގެ ހޮސްޕިޓަލްތަކުން އާސަންދައިގެ ހިދުމަތް ކަނޑާލުމާ ގުޅިގެން އާންމުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު އާސަންދަ އޮފީހުން އެކަމާ ގުޅޭގޮތުން ޖަވާބެއް ނުދެއްވިއެވެ.
ޓުވީޓާގައި ބައެއް މީހުން ބުނެފައި ވަނީ އިންޑިއާގެ ހޮސްޕިޓަލްތަކުން އާސަންދައިގެ ހިދުމަތް މިހާރު ނުލިބޭ ކަމަށާއި އެކަން ހިނގިގޮތެއް ރައްޔިތުންނަށް ހާމަކޮށްދިނުމަށް އާސަންދަ ކުންފުންޏަށާއި ހެލްތު މިނިސްޓްރީއަށް ގޮވާލާ ކަމަށެވެ.
އިންޑިއާގައި ބޭސްފަރުވާއަށް ގޮސް ހުރި މީހަކު "ވަން އޮންލައިން"އަށް މައުލޫމާތު ދެމުން ބުނީ އެމީހުންގެ ބޭސްފަރުވާގެ ކަންކަން ބަރޯސާވެފައި ވަނީ އާސަންދައަށް ކަމަށާއި ނަމަވެސް މިހާރު އާސަންދަ ނުލިބުމުގެ ސަބަބުން "ހަދާނެ ގޮތް ހުސްވެއްޖެ" ކަމަށެވެ.
އިންޑިއާ ހޮސްޕިޓަލުތަކުން އާސަންދަ ނުލިބޭ މައްސަލައިގައި ގިނަ ނޫސްވެރިންތަކެއް އާސަންދަ އޮފީހާ ސުވާލު ކުރުމުން ބުނީ މިއަދު އެކަމާ ގުޅޭގޮތުން ބަޔާނެއް ނެރޭނެ ކަމަށެވެ. އެހެންނަމަވެސް، ނޫސްވެރިން ތަކުރާރުކޮށް ސުވާލު ކުރުމުންވެސް އެވާހަކައިގެ ހަގީގަތް ހާމަކޮށްފައެއް ނުވެއެވެ.
އިންޑިއާގައި ބޭސްފަރުވާއަށް ގޮސް ހުރި އެހެން މީހެއްގެ އާއިލާގެ މީހަކު ބުނީ އޭނާގެ އާއިލާގެ މީހަކު ބޮޑު އޮޕޮރޭޝަނެއް ކުރުމަށް ހުރިހާ ކަމެއް ހަމަޖެހިފައި ވަނިކޮށް، ކުއްލިއަކަށް އާސަންދައިގެ ހިދުމަތް ނުލިބޭނެ ކަމަށް އަންގާފައިވާ ކަމަށެވެ. އެހެންކަމުން އޮޕަރޭޝަން ކުރެވޭނެ ގޮތެއް ނެތް ކަމަށް އޭނާ ބުންޏެވެ.