ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު ސީޝެލްސްއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު އެގައުމަށް ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ސީޝެލްސް އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ސީޝެލްސް ސަރުކާރުގެ ބައެއް ވަޒީރުންނާއި އިއްޒަތްތެރިންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ބޭފުޅުން ހިމެނޭ ވަފުދެއްވެސް މިދަތުރުފުޅުގައި ބައިވެރިވެ ވަޑައިގަންނަވައެވެ.
ރައީސް އޮފީހުން ބުނީ ސީޝެލްސްގެ ރައީސް ޑެނީ ފޯރގެ ދައުވަތަކަށް ރައީސް ސޯލިހު ކުރައްވާ މި ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި ބައެއް އެއްބަސްވުންތަކުގައި ސޮއިކުރެއްވުމާއި، ދެގައުމުގެ ދެމެދުގައި މަތީފެންވަރުގެ މަޝްވަރާތައް ބޭއްވެވުމާއި ދެގައުމުގެ ރައީސުންގެ ގުޅިފައިވާ ބަޔާނެއް މީޑިޔާއަށް ދެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އޭގެ އިތުރުން ރައީސްގެ ދެކަނބަލުންނާ އަދި މި ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގަންނަވާ ވަފުދުގެ ޝަރަފުގައި ސީޝެލްސްގެ ރައީސް ދެއްވާ ރަސްމީ މެންދުރުގެ ފަރިއްކޮޅެއްވެސް އޮންނާނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ސީޝެލްސްގެ މަޝްހޫރު ބައެއް ސަރަހައްދުތަކަށް ޒިޔާރަތްކުރެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.