ޚަބަރު

ޑެންގޫ ޖެހިގެން ތެލެސީމިއާ ކުއްޖަކު ނިޔާވެއްޖެ

ޑެންގޫ ޖެހިގެން ތެލެސީމިއާ ކުއްޖަކު ނިޔާވެއްޖެއެވެ. މިއީ ޑެންގޫ ޖެހިގެން މި އަހަރު ނިޔާވި ދެ ވަނަ ތެލަސީމިއާ ކުއްޖާއެވެ.

އެނގިފައިވާ ގޮތުގައި ނިޔާވެފައިވަނީ، މއ. ނީލުގެއާގެ، ހާޖަރް ބިންތި އަލީ ނަމަކަށް ކިޔާ އުމުރުން 11 އަހަރުގެ ކުއްޖެކެވެ. އެ ކުއްޖާ ނިޔާވެފައިވާކަން އައިޖީއެމްއެޗުން ވެސް ވަނީ "ވަން އޮންލައިން" އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ލޭ އަޅާ އެ ކުއްޖާ ނިޔާވީ ޑެންގޫ ޖެހިގެން އިއްޔެ ފަތިހު އެ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނިކޮށެވެ.

އެ ކުއްޖާ ނިޔާވީ ރޭ 7:00 ޖަހައި އެހާކަންހާއިރު ކަމަށް ކުއްޖާ އޮތް ވޯޑުގެ ނަރުހުންނާ ހަވާލާދީ އޮފިޝަލް ވިދާޅުވިއެވެ. ހާޖަރް ބިންތި އަލީގެ ޖަނާޒާ ރޭ 23:30 ގައި އާސަހަރާ މިސްކިތުގައި ވަނީ ކޮށްފައެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހު ވެސް ޑެންގީ ޖެހިގެން ނިޔާވެފައިވަނީ އުމުރުން ނުވަ އަހަރުގެ ކުއްޖެކެވެ. ހދ. ކުޅުފުއްޓަށް ނިސްބަތްވާ އެ ކުއްޖާ ނިޔާވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ޓްރާންސްފަރ ކުރި ފަހުންނެވެ.

އީޑީސް މަދިރީގެ ޒަރީއާއިން ފެތުރޭ ޑެންގީ ހުމުގެ އަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ބޮލުގައި ރިއްސުމާއި، ހޮޑުލެވުމާއި، ހުޅުތަކުގައި ރިއްސުމާއި، ވަރަށް ބޮޑަށް ވަރުބަލިވުން ހިމެނެއެވެ.