ރައީސް ޔާމީން

އޮޅުވާލުމާއި ދޮގުހެދުން ފިޔަވައި، މި ސަރުކާރުން ކުރާ ކަމެއް ނެތް: ރައީސް ޔާމީން

އޮޅުވާލުމާއި ދޮގުހެދުން ފިޔަވައި، މި ސަރުކާރުން ކުރާ ކަމެއް ނެތް ކަމަށާއި ކޮންމެ ކަމެއް އެޖެންޑާ 19 އަށްވެ ނިމިގެންދާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

"ކޮބާ ނުވިއެއްނު"ގެ ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ބޭރުގެ އެހީ އޮހޭ ވަރުން އޮބިނޯވެ ދާއިރު ވެސް މުސާރަ ދޭނެ ފައިސާ ބަޖެޓުގައި ނެތް ކަމަށެވެ.

ބޭރުގެ އެހީތައް މިތަނަށް އޮހޭ ވަރުން އޮބިނޯވެ. އެހީ ފުރާނަނީ މިހާރު. މިކަންވެސް މިއޮތީ އެޖެންޑާ 19 އަށްވެ ނިމިފައި. ކޮންމެ ކަމެއް ޖަޒީރާވެ މިދަނީ. ކޮންމެ ކަމެއް އޮޅުވާލުމާއި ދޮގުހެދުން ފިޔަވައި މި ސަރުކާރުން ކުރާ ކަމެއް ނެތް،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން ހުރިހާ މުއައްސަސާތަކެއް ސިޔާސީކޮށް ނިންމައިފި ކަމަށާއި ގޭގޭގެ ބަދިގޭގައި އުޅޭ ބޭފުޅުން ވެސް ޑެޕިއުޓީ މިނިސްޓަރުން ފެންވަރަށް ގެނެސްފި ކަމަށެވެ.

"އެކަމަކު މިއުޅެނީ އިގުތިޞާދެއް ތަރައްގީކުރަން. ރިކަރަންޓް ހަރަދު އުފުލިގެން ހިނގައްޖެ. ކެޕިޓަލް ހަރަދެއް ނުހިނގާ. އެކަމަކު މި ވިދާޅުވަނީ ކުރީ ސަރުކާރަށް ވުރެ، ތިމަންނަމެން ސަރުކާރުން ކުރާ ކަންތައް އިތުރޭ. އިތުރީ ހަދާ ދޮގު. އިތުރީ ހިޔާލަށް އަންނަ ކަންތައް. އިތުރީ ރާއްޖެއިން ބޭރުގައި ތިއްބަވާ އިރު 100 ދުވަސް ހަމަކުރައްވަން މިކުރައްވާ މަސައްކަތް. މިއިން ކޮންމެ ކަމަކަށް މިވަންނަނީ އެޖެންޑާ 19،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ އިގުތިޞާދުގެ އެންމެ ބާރު ދުވެއްޔަކީ އިމާރާތްކުރުމުގެ ބާޒާރަށް އަންނަ ބަދަލު ކަމަށާއި އިމާރާތް ކުރުމުގެ އިންޑަސްޓްރީ އެދަނީ ނެގެޓިވް ގްރޯތުގައި ކަމަށެވެ. އަދި ރާއްޖޭގެ ބާޒާރުގެ ވިޔަފާރި ދަށްވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.