ދަސްވެފައިވާ އެއްޗެއް އެހެން މީހަކަށް އުނގަންނައި ދިނުމަކީ މީހަކަށް ކުރެވޭނެ އެންމެ ހެޔޮ އަމަލު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ އެމަނިކުފާނު ރޭ ޝަރަފުވެރިކޮށްދެއްވި ހދ. ނޮޅިވަރަންފަރު ސްކޫލްގެ ރަންޔޫބީލް ފާހަގަކުރުމަށް އެ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ނައިބު ރައީސްގެ ވާހަކަފުޅުގައި ނޮޅިވަރަންފަރަކީ ތައުލީމު ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ރަށެއްކަން ފާހަގަކުރެއްވިއެވެ.
ނޮޅިވަރަންފަރުގެ ރައްޔިތުން ތައުލީމަށް ދޭ ސަމާލުކަމާއި އަހައްމިއްޔަތުކަން ފެނިވަޑައިގެންފި ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ނޮޅިވަރަންފަރު ސްކޫލްގެ ދަރިވަރުންތަކެއް ވޭތުވެދިޔަ އަހަރުތަކުގައި ރަންވަނަތަކެއް ހާސިލްކޮށްފައިވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. ނައިބު ރައީސް ވިދާޅުވީ މިކަމުން އެނގެނީ ގިނަބަޔަކު އެކުގައި އެއް އަމާޒަކަށް މަސައްކަތް ކޮށްފިނަމަ ރަނގަޅު ނަތީޖާއެއް ލިބިދާނެ ކަމަށެވެ.
ތައުލީމަކީ ހަމައެކަނި ކްލާސްރޫމަކުން ދެވޭނެ އެއްޗެއް ނޫންކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ ތައުލީމު އުނގަންނައި ދިނުމުގެ ހަގީގީ މަގްސަދު ހާސިލްވެގެންދާނީ ދަރިވަރުން ދިރިއުޅުމުގެ މައިދާނަށް ނުކުތުމަށް ތަމްރީނު ކުރެވިގެން ކަމަށެވެ. މީގެ އިތުރުން މިސަރުކާރުން ތައުލީމަށް ދެއްވާ އަހައްމިއްޔަތުކަން ފާހަގަކޮށް ސަރުކާރުން ތައުލީމު ކުރިއެރުވުމަށް ކުރައްވާ އެކި މަސައްކަތްތަކަށް ނައިބު ރައީސް އަލިއަޅުވާލެއްވިއެވެ.
މި ރަސްމިއްޔާތުގައި ނޮޅިވަރަންފަރު ސްކޫލުން މުޅިން އަލަށް ތައާރަފުކުރި އެދުރުކަލޭފާނު ހަނދާނީ ފިލާ އެ ސްކޫލުން ނައިބު ރައީސަށް އެރުވިއެވެ. އަދި މި ރަސްމިއްޔާތުގައި ހިދުމަތުގެ ރަން ފިލާ ލިބުނު ފަރާތްތަކަށް ނައިބު ރައީސް ފިލާ ހަވާލުކޮށްދެއްވިއެވެ.
ނޮޅިވަރަންފަރު ސްކޫލްގެ އަހަރީ ދުވަހާ ގުޅިގެން ރޭގެ ރަސްމިއްޔާތުގެ ތެރެއިން ސްކޫލްގެ އާ ލަވައެއް ވަނީ ތައާރަފުކޮށްފައެވެ. އަދި އަންނަ އަހަރު ސްކޫލުން ބޭނުން ކުރަން ހަމަޖައްސާފައިވާ އާ ޔުނީފޯމުވެސް މި ރަސްމިއްޔާތުގައި އިފްތިތާހުކޮށްފައި ވެއެވެ.