މުސާރަ ދޭނެ ފައިސާ ވެސް ހޯދަން ޖެހެނީ އެހެން ބައެއްގެ އަތުން ކަމަށާއި އެ ހާލަތަށް ވެއްޓޭނަމަ، މިނިވަންކަން ދިއުން މާ ދުރަކު ނެތް ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
"ކޮބާ ނުވިއެއްނު"ގެ ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަމާ ކުޅެލަން އުޅުނު ކޮންމެ ފަރާތަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ބޮޑު ތަނުން ނޫނެކޭ ވިދާޅުވެފައިވާ ކަމަށާއި އެތެރެއާއި ބޭރުން ރައީސް ޔާމީން ވެރިކަމުން ދުރުކުރުމަށްޓަކައި އެތައް މަސައްކަތެއް ކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މުސާރަ ދޭން ޖެހޭ ފައިސާ ވެސް ބައެއްގެ އަތުން ގެނެސް، އަޅުގަނޑުމެން މުސާރަ ދޭންޖެހޭ ހާލަތަކަށް ގޮސް މިއޮތީ. މިއަށް ހެޔޮ ވެރިކަން ކިޔާކަމަށްވަންޏާ، އަޅުގަނޑުމެން އަތުން މިނިވަންކަން ދިއުން މާ ދުރަކު ނެތް،" އޭނާ ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ތެރޭގައި ރައީސް ޔާމީނަށް ކެމްޕޭން ކުރެވޭނެ ފުރުސަތެއް ލިބިފައި ނުވާ ކަމަށާއި ރަށްރަށުގެ ގޮނޑުދޮށުން އެތެރެއަށް ވަޑައިގެންނޭވެނެ ފުރުސަތު އެމަނިކުފާނަށް ލިބިފައި ނުވާ ކަމަށެވެ.
"އެމަނިކުފާނަކަށް ނެތް ރަށްރަށުގެ ގޮނޑުދޮށުން އެތެރެއަށް ވަޑައިގެންނެވޭނެ ފުރުސަތެއް. އެހެންނަމަވެސް އޭގެ އިދިކޮޅަށް އޭރު އިދިކޮޅުގައި ތިބި ބޭފުޅުން ކިޔަމުން އައީ ރައީސް ޔާމީން ރަށްރަށުގެ އެތެރެއަށް ވެސް ވަޑައިނުގަންނަވައޭ. ރައީސް ޔާމީނަށް ޕޯޑިއަމެއްގައި ވާހަކަދެއްކޭކަށް ނެތް. ވަކި ބަޔަކު ދޭ މައިކަކުން ނޫނީ ވާހަކަދެއްކޭކަށް ނެތް. ވަކި ސައުންޑް ސިސްޓަމަކުން ނޫނީ އަޑުވެސް އިއްވޭކަށް ނެތް. ދެން މިއަށް މިނިވަން އިންސާފުވެރި އިންތިހާބެކޭ ކިޔާކަމަށްވަންޏާ ކިޔަންވީ،" އޭނާ ވިދާޅުވިއެވެ.
ސައީދު އިތުރަށް ވިދާޅުވީ މިއަދު ރައީސް ޔާމީން ވެރިކަމުގައި ހުންނެވި ނަމަ، 2023 ވަނަ އަހަރާ ހަމައަށް ދާއިރު އާމްދަނީއެއްގެ ގޮތުގައި ބޮލަކަށް 2000 ޑޮލަރު ޖެހޭނެ ކަމަށެވެ.