ޚަބަރު

އެހެން ގައުމުތަކުގެ މީހުންނަށް ރަށްވެހިކަން ދޭ ގޮތަށް ގާނޫނަށް އިސްލާހެއް ގެންނަން ސަރުކާރުން އެބައުޅޭ: ޝިޔާމް

އެހެން ގައުމުތަކުގެ މީހުންނަށް ރަށްވެހިކަން ދޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހެއް ގެންނަން ސަރުކާރުން އުޅޭ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

"ކޮބާ ނުވިއެއްނު"ގެ ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ސަރުކާރުން ވަރަށް އަވަހަށް އެ ބިލު މަޖިލީހަށް ވައްދާނެ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހަށް ވަރަށް އަވަހަށް އެމީހުން ގެންނަން އެބައުޅޭ ބިލެއް، ގާނޫނެއް. ގާނޫނު އަސާސީއަށް ގެންނަ އިސްލާހެއް އެއީ. އަޅުގަނޑުމެންނަށް މި އިވެނީ ދިވެހިރާއްޖޭގެ މީސްކޮޅު މަދުވީމަ، އިގުތިޞާދު ހަލާކުވެގެންދާ ވާހަކަ މި މީހުން މި ދައްކަނީ. އެހެން ގައުމެއްގެ ބަޔަކު މި ގައުމުގެ ދަފްތަރުގައި ނުވަތަ މި ގައުމުން ރަށްވެހިކަން ދޭން އެބަ މަސައްކަތް ކުރޭ،" އޭނާ ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ އެހެން ގައުމުތަކުގެ މީހުން ރަށްވެހިކަން ދޭން އުޅެނީ މި ސަރުކާރަށް އެއްވެސް ކަމެއް ނުކޮށްދެވޭތީ ކަމަށާއި އެއީ އެހެން ބަޔަކަށް ވޯޓުލުމުގެ ހައްގު ދީ، ތާއަބަދު ވެރިކަމުގައި ހުންނަން ބޭނުންވާތީ ކުރަން އުޅޭ ކަމެއް ކަމަށެވެ.

"ކީއްކުރަންތޯ މިއުޅެނީ؟ މިވެރިކަމަށް ޑެލިވާ ނުކުރެވޭތީ. މި ވެރިކަމަށް އެމީހުންނަށް ޕާފޯމް ނުކުރެވޭތީ. ކަމެއް ނުކޮށްދެވޭތީވެ އެހެން ބަޔަކު ގެނެސްގެން ވޯޓުލުމުގެ ހައްގު އެމީހުންނަށް ދީ، މި މީހުން ތާއަބަދު ވެރިކަމުގައި ބައިތިއްބަން ކުރަމުންދާ ކަމެއް ކަމުގައި އަޅުގަނޑު ދަންނަވަން. ތިބޭފުޅުން ވަރަށް ވިސްނަވާތި. މި ދެންނެވި އިސްލާހު ގާނޫނު އަސާސީއަށް އެބަ އާދޭ. މިބޭފުޅުން އެބަ ގެންނަވާ،" އޭނާ ވިދާޅުވިއެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ މަޖިލީހުގައި އިދިކޮޅު މެމްބަރުން ކިތަންމެ މަދުވި ކަމުގައިވިޔަސް، ހައްގު ބަސް އިއްވުމުގައި ދެމިތިބޭނެ ކަމަށެވެ.