މިއަހަރުގެ ހައްޖު ދުވަހަކީ އޮގަސްޓް 10 ކަމަށް އިއުލާނުކޮށްފި އެވެ.
ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި ސައުދީ އަރަބިއްޔާއިން ވަނީ މާދަމާ، އޮގަސްޓް މަހު ދޭއްވާ ހުކުރު ދުވަހަކީ ހައްޖުމަހުގެ އެއްވަނަ ދުވަސް ކަމަށް އިއުލާނުކޮށްފައެވެ. މިއާއެކު މިއަހަރު ހައްޖު ދުވަހަށް ވެގެންދާނީ އޮގަސްޓް މަހުގެ 10 ވާ ހޮނިހިރު ދުވަހެވެ. އަދި މިއަހަރުގެ އަލްހާ އީދު ދުވަހަށް ވާނީ އޮގަސްޓް 11 ވާ އާދީއްތަ ދުވަހެވެ.
މިއަހަރު ރާއްޖެއިން ހައްޖަށް ދިއުމަށް 2000 ކޯޓާ ލިބިފައިވާއިރު 1800 އަށް ވުރެ ގިނަ ހައްޖާޖީން ރާއްޖެއިން ހައްޖުގެ އަޅުކަން އަދާކުރުމަށް ދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ. ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން މިދިޔަ ޖުލައި މަހު 21 ގައި މީހުން ފުރަން ފަށާފައި ވާއިރު، ރާއްޖެއިން ހައްޖަށްދާ އެންމެ ފަހު ގްރޫޕް ފުރުމަށް ހަމަޖައްސާފައިވަނީ އަންނަ ހޯމަ ދުވަހުއެވެ.