ޚަބަރު

އަމީނީ އަލިމަސް ކާނިވަލް ފަށައިފި

މަރިޔަމް ޝަހުދާ

އަމީނިއްޔާ ސްކޫލްގެ 75 ވަނަ އަހަރީ ދުވަހުގެ މުނާސަބާގައި ކުރިއަށްގެންދާ ''އަމީނީ އަލިމަސް ކާނިވަލް'' ފަށައިފިއެވެ. އަމީނިއްޔާ ސްކޫލުގައި މިއަދު ހަވީރު ފެށި އަމީނީ އަލިމަސް ކާނިވަލް ހުޅުއްވައިދެއްވީ އެ ސްކޫލުގެ ކުރީގެ ޕްރިންސިޕަލް ވަފާ ވަހީދު މުހައްމަދެވެ.

ކާނިވަލް ހުޅުވުމުގެ ރަސްމިއްޔާތުގައި އަމީނިއްޔާ ސްކޫލްގެ ޕީޓީއޭގެ ވައިސް ޗެއާ އިބްރާހީމް ފަޔާޒް ވިދާޅުވީ އަމީނީ އަލިމަސް ކާނިވަލުގައި އެކި އުމުރުފުރައިގެ އެކި މީހުންނާ ގުޅޭ ކުޅިވަރުތައް ހިމެނޭނެ ކަމަށެވެ.

އެގޮތުން ކުޑަކުދިންނަށް ހާއްސަކޮށް ސައިކަލް ދުއްވާލެވޭނެ ޑްރައިވިންގް ސްޓޯލަކާއި އެމްއެންޑީއެފްގެ ފަރާތުން ރެޕެލް ކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދާއިރު، ޕްލޭސްޓޭޝަން ގޭމްތަކުގެ މުބާރާތްތައް ވެސް ކާނިވަލުގެ ތެރެއިން ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން ވިޔަފާރި ކުރުމަށް ހާއްސަ ސްޓޯލްތަކާއި ޖަމްބަލް ސޭލެއްގެ އިތުރުން ކެންޓީނަކާއި ސްޓޭޖް އައިޓަމް ކުރިއަށްދާނެ އެވެ.

ފަޔާޒް އިތުރަށް ވަނީ މި އަހަރުގެ އަމީނީ އަލިމަސް ކާނިވަލް ސްޕޮންސަރ ކޮށްދެއްވި އެސްޓީއޯ، އެލައިޑް އިންޝުއަރެންސް އަދި ދިރާގުގެ އިތުރުން އެކި ފަރާތްތައް ޝުކުރު އަދާކުރައްވައިފައެވެ.

އަމީނިއްޔާ ސްކޫލްގެ ''އަމީނީ އަލިމަސް ކާނިވަލް'' ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަކަށް ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށެވެ. ކާނިވަލަށް ވަނުމުގެ ފީ އަކީ 10 ރުފިޔާއެވެ.

އަމީނިއްޔާ ސްކޫލުގެ ޕީޓީއޭއާ ގުޅިގެން ކޮންމެ އަހަރަކު ވެސް އެ ސްކޫލުގައި ފެއާއެއް ބާއްވާއިރު، ކާނިވަލެއްގެ ގޮތުގައި މިއަހަރުގެ ފެއާ ކުރިއަށް ގެންދަން ނިންމީ މިއަހަރު ފާހަގަކުރާ އެ ސްކޫލުގެ އަލިމަސް ޔޫބީލްއާ ގުޅިގެންނެވެ.