ޚަބަރު

ޓެކްސީ އެޕްލިކޭޝަން މެދުވެރިކޮށް ޕްރައިވެޓް ކާރުތަކަށް ވެސް ޓެކްސީ ކުރެވޭނެ: މިނިސްޓްރީ

ޓެކްސީ އެޕްލިކޭޝަން މެދުވެރިކޮށް ޕްރައިވެޓް ކާރުތަކަށް ވެސް ޓެކްސީ ކުރެވޭނެ ކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ބުނެފިއެވެ.

މާލެ ސަރަހައްދުގައި ޓެކްސީ ދަތުރުގެ އަގުތައް ބޮޑު ކަމަށް ރައްޔިތުން ޝަކުވާ ކުރަމުން ދިއުމާ ގުޅިގެން ޓެކްސީ ސެންޓަރުތަކާއި ޓެކްސީ ޑްރައިވަރުން އަދި އާންމު ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށްފަހު ޓެކްސީ ދަތުރުގެ ހިދުމަށް މިއަދުން ފެށިގެން މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށްގެން ފޯރުކޮށްދިނުމަށް މިނިސްޓްރީން ވަނީ ނިންމައިފައެވެ.

ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ޓެކްސީ އެޕްލިކޭޝަން މެދުވެރިކޮށް އާންމު ފަރާތްތަކަށް ވެސް ޕްރައިވެޓް ހަޔަރގެ ގޮތުގައި ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައެޅިފައިވާ ގަވާއިދުތަކާ އެއްގޮތަށް ހިދުމަތް ދެވޭނެ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ ޓެކްސީ ނުލިބޭ މައްސަލަ އަދި ޓެކްސީގެ އަގުތައް ބޮޑުކަމުގެ ޝަކުވާ ގިނަ ރައްޔިތުންތަކެއް ކޮށްފައިވާ ކަމަށާއި ބަދަލުތައް ގެނެސްފައި މިވަނީ ރައްޔިތުންގެ ޝަކުވާތަކަށް ހެޔޮ ބަދަލެއް ގެނައުމުގެ ގޮތުން ޓެކްސީ ސެންޓަރުތަކާއި ޓެކްސީ ޑްރައިވަރުންނާއި އަދި އާންމު ރައްޔިތުންގެ އަޑުއެހުމަށްފަހު ހުރިހާ ފަރާތްތަކަށް ވެސް ފައިދާވާނެ ގޮތަށް ކަމަށެވެ. އަދި މިކަމުގެ ފަސޭހަ ހުރިހާ ފަރާތްތަކަށް ވެސް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓްރީން ވަނީ މާލެ އިން ހުޅުލެއަށް، ހުޅުލެ އިން މާލެއަށް، ހުޅުމާލެ އިން ހުޅުލެއަށް އަދި ހުޅުލެ އިން ހުޅުމާލެއަށް ދަތުރުކުރުމުގެ އަގުގެ ގޮތުގައި 60 ރުފިޔާ ކަނޑައަޅައިފައެވެ. މާލެ އިން ހުޅުމާލެއަށް އަދި ހުޅުމާލެ އިން މާލެއަށް ދަތުރުކުރުމުގެ އަގެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 75 ރުފިޔާއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން މި ހަމަޖެއްސި ޓެކްސީ އަގުތަކުގެ އާ އުސޫލާއެކު، 1 އޮކްޓޯބަރުން ފެށިގެން ޓެކްސީތަކަށް ހިދުމަތް ދެވޭނީ ޓެކްސީ ދަތުރުތަކަށް ހާއްސަކޮށް ތައާރަފުކުރި ކޮންމެވެސް އެއް އެޕެއްގައި ރަޖިސްޓްރީ ކޮށްގެންނެވެ. އެ އެޕްތަކަކީ އަވަސް ރައިޑް، އެ އައީ އަދި ސްރީލަންކާގެ ޕިކްމީއެވެ.