ޚަބަރު

ނައިބު ރައީސް ކުޅުދުއްފުއްޓަށް ވަޑައިގެން އެ އަތޮޅު ކައުންސިލާ ބައްދަލުކުރައްވައިފި

މަރިޔަމް ޝަހުދާ

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ހދ.ކުޅުދުއްދުއްޓަށް ޒިޔާރަތްކޮށް، ހދ އަތޮޅުގެ ކައުންސިލަރުންނާ ބައްދަލުކުރައްވައިފިއެވެ.

ހދ އަތޮޅަށް ނައިބު ރައީސް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ކުޅުދުއްފުއްޓަށް ޒިޔާރަތްކުރައްވާފައިވަނީ މިއަދު ހަވީރެވެ. އެމަނިކުފާނު ކުޅުދުއްފުއްޓަށް ވަޑައިގެންނެވުމުން ކުޅުދުއްފުށީގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

މިދަތުރުފުޅުގައި ހދ އަތޮޅުގެ ކައުންސިލް މެމްބަރުންނާ ނައިބު ރައީސް ބައްދަލުކުރެއްވުމުން ކައުންސިލްގެ ފަރަތުން ވަނީ އަތޮޅަށް ކުރިމަތިވެފައިވާ އެކި ކަންބޮޑުވުންތައް ފާހަގަކޮށް އެކަންކަން ނައިބު ރައީސްއާ ހިއްސާކުރައްވާފައެވެ. މީގެ އިތުރުން އަތޮޅުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ކުޅުދުއްފުށީގެ ތަރައްގީއަށް ހުރި ކަންކަން މި ބައްދަލުވުމުގައި ކައުންސިލުން ނައިބު ރައީސްއާ ހިއްސާކުރެއްވިއެވެ.

މި ބައްދަލުވުމުގައި ހދ އަތޮޅުގައި ފަތުރުވެރިކަން ތަރައްގީ ކުރެވިފައި ނެތުމީ މުޅި އަތޮޅުގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުންކަން ކަމުގައި ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. އަދި މިއީ އަތޮޅުގެ ތަރައްގީއަށް ލިބިފައިވާ ހީނަރުކަމެއްކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ސަރުކާރުން ރާއްޖޭގައި ރަށްތައް ތަރައްގީކުރުމުގައި ވަކި ރަށެއް ތަފާތު ނުކުރައްވާނެ ކަމަށް ނައިބު ރައީސް މި ބައްދަލުވުމުގައި ވިދާޅުވިއެވެ. އަދި ހދ އަތޮޅުގެ ކައުންސިލުން އެދިލައްވާފައިވާ ގޮތުގެ މަތީން އެ އަތޮޅުގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް ސަރުކާރުން އެއްބާރުލުން ދެއްވާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ނައިބު ރައީސް ވަނީ ލާމަރުކަޒީ ގާނޫނު ތަންފީޒު ކުރެވުމުން ސަރުކާރުގެ ސިޔާސަތާއި އެއްގޮތަށް ކައުންސިލްތަކުން އެ ކައުންސިލެއް ނިސްބަތްވާ އަތޮޅެއް ނުވަތަ ރަށެއްގެ އިގްތިސާދު ކުރިއެރުވުމަށް ގިނަ ފުރުސަތުތަކެއް ފަހިވާނެކަން ފާހަގަކުރައްވާފައެވެ.