މާލެއިން ހުޅުލެ، އަދި ހުޅުމާލެއަށް ޓެކްސީ ކުރެވޭނެ އަގުތައް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅައިފިއެވެ.
އެއޮތޯރިޓީން ކުރި އިއުލާނެއްގައި ބުނީ މާލޭ ސަރަހައްދުގައި ޓެކްސީ ފެއާ ބޮޑު ކަމަށް އާއްމު ރައްޔިތުން ޝަކުވާ ކުރަމުން ދިއުމާ ގުޅިގެން ޓެކްސީ ސެންޓަރުތަކާއި ޓެކްސީ ޑްރައިވަރުން އަދި އާންމު ރައްޔިތުންގެ ހިޔާލު ހޯދުމަށްފަހު ޓެކްސީގެ ހިދުމަތް މޮބައިލް އެޕެއް ބޭނުންކޮށްގެން ފޯރުކޮށްދޭ ގޮތަށް ކަނޑައަޅާފައިވާ ކަމަަށެވެ.
އަދި މިމަހުގެ ހަތް ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ކުރާ ޓެކްސީ ދަތުރުތަކަށް ނަގާނެ ރޭޓުތައް ކަނޑައަޅައި، އެއަށްވުރެ އިތުރަށް ފީ ނެގުމަކީ މަނާ ކަމެއް ކަމަށް ޓްރާންސްޕޯޓުން ވަނީ ބުނެފައެވެ.
މާލެ ސަރަހައްދުގެ ޓެކްސީ ރޭޓުތައް:
މާލެ-ހުޅުލެ: ދަތުރެއްގެ އަގު -/60 ރުފިޔާ
ހުޅުލެ-މާލެ: ދަތުރެއްގެ އަގު -/60 ރުފިޔާ
ހުޅުމާލެ-ހުޅުލެ: ދަތުރެއްގެ އަގު -/60 ރުފިޔާ
ހުޅުލެ-ހުޅުމާލެ ދަތުރެއްގެ އަގު:-/60 ރުފިޔާ
މާލެ-ހުޅުމާލެ ދަތުރެއްގެ އަގު: -/75 ރުފިޔާ
ހުޅުމާލެ-މާލެ ދަތުރެއްގެ އަގު: -/75 ރުފިޔާ
މާލެއިން ހުޅުލެ އަދި ހުޅުމާލެއަށް ހާއްސަ އަގުތަކެއް ކަނޑައެޅި ނަމަވެސް، މާލެ އަދި ހުޅުމާލެ އެތެރޭގައި ކުރާ ޓެކްސީ ދަތުރުތަކުގެ އަކީ ކުރިއެކޭވެސް އެއްގޮތަށް 25 ރުފިޔާއެވެ.
ޓްރާންސްޕޯޓް އޮތޯރިޓީއިން މި ހަމަޖެއްސި އާ އުސޫލާ އެކު، 1 އޮކްޓޯބަރުން ފެށިގެން ޓެކްސީތަކަށް ހިދުމަތް ދެވޭނީ ޓެކްސީ ދަތުރުތަކަށް ހާއްސަކޮށް ތައާރަފުކުރި ކޮންމެވެސް އެއް އެޕެއްގައި ރަޖިސްޓްރީ ކޮށްގެންނެވެ. އެ އެޕްތަކަކީ އަވަސް ރައިޑް، ޕިކްމީ ސްރީލަންކާ އަދި އެއައީއެވެ.
މީގެ އިތުރުން، ޓެކްސީ ސެންޓަރުތަކުންވެސް ހިދުމަތް ދޭން ޖެހޭނީ ކޮންމެވެސް އެއް އެޕެއްގައި ރަޖިސްޓްރީ ކޮށްގެން ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެއެވެ.