ޚަބަރު

މަހުލޫފު ފަދަ މިނިސްޓަރެއް ލިބޭނެ ކަމަށް ދުވަހަކުވެސް ހީނުކުރަން: މަރޭ

ފަތޯނާ ފާއިޒު

2

ޔޫތު މިނިސްޓަރ އަހްމަދު މަހުލޫފު ފަދަ މިނިސްޓަރެއް ރާއްޖެއަށް ލިބޭނެ ކަމަށް އުއްމީދުވެސް ކުރެވިފައިނުވާ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) ވިދާޅުވެއްޖެއެވެ.

މަރޭއަކީ 2009 ވަނަ އަހަރުން ފެށިގެން އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އަދާކުރައްވަމުން އަންނަ ބޭފުޅެކެވެ. އެގޮތުން މަރޭ ވަނީ ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގެ ޔޫތު މިނިސްޓަރުންނާއެއެކު މަސައްކަތް ކުރައްވައިފައެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ބައިވެރިވި ރާއްޖޭގެ ކުޅުންތެރިންނާއެކު ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފު ފްލައިޓުގައި ސަމާސާ ކުރައްވާ މަންޒަރު ފެންނަ ފޮޓޯއެއް ހިއްސާ ކުރައްވަމުން މަރުޒޫގު ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ، މިނިސްޓަރ މަހުލޫފަކީ ރާއްޖޭގައި ކުޅިވަރުން "މިސްވަމުން އައި ލިންކު" ކަަމަށެވެ. އަދި މިނިސްޓަރ މަހުލޫފާއެކު ރާއްޖޭގެ ކުޅިވަރު، މުޅިން އެހެން ހަރުފަތަކަށް ގެންދެވޭނެ ކަމަށް ޔަގީން ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި މަހުލޫފަކީ ކުޅުންތެރިންގެ އިހުސާސްތައް ރަނގަޅަށް ދަންނަ، ކަމާވެގެން މަސައްކަތް ކުރައްވާ ލީޑަރެއްގެ ގޮތުގައި މަރޭ ވަނީ ސިފަކުރައްވާފައެވެ. މީގެ އިތުރުން މަހުލޫފު ފަދަ ބޭފުޅަކު ކުޅިވަރާއި ޒުވާނުންނާ ބެހޭ ވުޒާރާއާ ހަވާލުވުމުން "ވާހަކަ" ބަދަލުވެއްޖެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދާދި ފަހުން މޮރިޝަސްގައި ބޭއްވި އައިއޯއައިޖީގައި ދިވެހިރާއްޖެ ތަމްސީލު ކުރި ޓީމުން ވަނީ 15 މެޑައްޔަށް އަމާޒުކޮށްގެން ގޮސް އެ އަދަދަށް މެޑަލް ހޯދައިފައެވެ.
އޭގެ ތެރޭގައި ހަތަރު ރަން މެޑަލް ވެސް ހިމެނޭ އިރު މިއީ ބައިނަލްއަގުވާމީ މުބާރާތަކުން ދިވެހި ޓީމަށް އެންމެ ބޮޑު ކާމިޔާބެއް ލިބުނު މުބާރާތެވެ.

އެ މުބާރާތުގައި އެކިއެކި ގޭމްސްތަކުން މެޑަލް ހޯދި ކުޅުންތެރިންގެ ކާމިޔާބީ ފާހަގަކުރުމަށްޓަކައި ދިވެހީން ވަނީ މިދިޔަ ހޯމަ ދުވަހު އެޓީމަށް ރަތް ދޫލައިގެ މަރުހަބާއެއް ކިޔައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟