ފުވައްމުލަކު ސިޓީގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި އަހްމަދު އިނާން މާލެ ގެނެސްފިއެވެ.
ރޭ 8:50 ހާއިރު އިނާން ދިރިއުޅޭ ފުވައްމުލަކު އަލްޓްރާގެއަށް ވަދެ، ތޫނު އެއްޗަކުން ބަޔަކު ހަމަލާދިނުމުގެ ސަބަބުން ޒަހަމްވެފައިވަނީ އުމުރުން 17 އަހަރުގެ އަހްމަދު އިނާނަށެވެ. އޭނާއަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސްފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.
އިނާނަށް ފަރުވާ ދިނުމަށް ރޭ ގެންގޮސްފައިވަނީ ފުވައްމުލަކު ހޮސްޕިޓަލަށެވެ. އޭނާގެ ހާލު ސީރިއަސް ކަމަށާއި އޭނާ އޮތީ ވެންޓިލޭޓަރެއްގައި ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ފުވައްމުލަކު ހޮސްޕިޓަލުން ބުނީ އޭނާގެ ބޮލުގެ ފަސް ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށާއި އޭނާގެ ބޮލުގެ ފަސް ތަނުން ކަށިގަނޑު ފަޅައިގެން ގޮސްފައި ހުރި ކަމަށެވެ. އޭގެ އިތުރުން އަތާއި ފައިގެ އެކި ތަންތަނަށް ވަޅި ހަރާފައިވާތީ ގިނަ އަދަދެއްގެ ލޭ ފައިބާފައިވާ ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން މިހާތަނަށް ފުލުހުން ވަނީ 15 އަހަރުގެ ފިރިހެން ކުއްޖަކާއި 21 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައެވެ.