ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން

ރާއްޖޭގައި 84 އިންސައްތަ މީހުން މަރުވަނީ ގައިން ގަޔަށް ނާރާ ބަލިތަކުގެ ސަބަބުން: މިނިސްޓަރު އަމީން

ފަތޯނާ ފާއިޒު

ރާއްޖޭގައި މީހުން މަރުވާ ނިސްބަތަށް ބަލާއިރު ގާތްގަނޑަކަށް 84 އިންސައްތަ މީހުން މަރުވަނީ ގައިން ގަޔަށް ނާރާ ބަލިތަކުގެ ސަބަބުންކަން ތަފާސް ހިސާބުތަކުން ދައްކާ ކަމަށް ހެލްތު މިިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ސޯޝަލް އެންޑް ބިހޭވިއަރ ޗޭންޖް ކޮމިއުނިކޭޝަން ސްޓްރެޓަޖީ އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު ވިދާޅުވީ، ގައިން ގަޔަށް ނާރާ ބަލިތައް ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު ކެއިންބުއިމުގައި ގެންގުޅެވޭ ނުރަނގަޅު އާދަތައް މިކަމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރާ ކަމަށެވެ.

"ދިރިއުޅުމުގެ ވައްޓަފާޅި އާއި ގުޅިފައިވާ މިއާދަތަކަކީ ޅައުމުރުން ފެށިގެން އަށަގަންނަމުން ދާ ކަންކަމަށްވީ ހިނދު، މިފަދަ ހިރާސްތަކުން މުޖުތަމައު ސަލާމަތް ކުރުމަށާއި ރާއްޖޭގެ ނިއުޓްރިޝަން ހާލަތު އަދިވެސް ރަނގަޅުކުރުމަށް ވަރަށް މުހިއްމު ފިޔަވަޅުތަކެއް އަޅަންޖެހިފައިވާކަން މި ފުރުސަތުގައި ފާހަގަކޮށްލަން." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީން ވިދާޅުވީ މިއަދު އިފްތިތާހުކުރި ސްޓްރެޓަޖީއަކީ ރާއްޖޭގެ ކުޑަކުދިންގެ މެދުގައި ނިއުޓްރިޝަން ހާލަތު ރަނގަޅު ކުރުމަށާއި ގައިންގަޔަށް ނާރާ ބަލިތައް ޖެހުމުން މުޖުތަމައު ރައްކާތެރިކުރުމަށްޓަކައި އެހީތެރިވެދޭނެ ސްޓްރެޓަޖީއެއް ކަމަށެވެ.

މި ސްޓްރެޓަޖީގައި ހިމެނިފައިވާ މަސައްކަތްތަކަކީ ހަމައެކަނި ސިއްހީ ވުޒާރާއިން ކުރެވޭނެ ކަމެއްނޫން ކަަމަށާ މިމަސައްކަތް ކުރުމުގައި ޝާމިލްވާ ސަރުކާރުގެ އެންމެހާ މުއައްސަސާތަކާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި، ޕްރައިވެޓް ކުންފުނިތަކާއި އެންމެހާ ލޮބުވެތި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަދި ހަމަ އެހެންމެ، މިއަދު އިފްތިތާހުކުރެވުނު މޯބައިލް އެޕްލިކޭޝަނަކީވެސް ކުޑަކުދިންގެ ނިއުޓްރިޝަން ހާލަތު ރަނގަޅުކޮށް ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށްޓަކައި މުހިއްމު މައުލޫމާތުތަކެއް ލިއްބައިދޭނެ އެޕްލިކޭޝަނެއްކަން ކަށަވަރު. މި އެޕްލިކޭޝަނުން ލިއްބައިދޭ މައުލޫމާތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައި ސިއްހީގޮތުން ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް އަތުކުރި އޮޅާލުމަށް އަޅުގަނޑު ގޮވާލަން." މިނިސްޓަރު ވިދާޅުވިއެވެ.