މެރީޑިއަމުން އެސްޓީއޯއަށް 19 މިލިއަން ރުފިޔާ ދައްކަން ހައިކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
މިއަދު ހައިކޯޓުން ހުކުމް ކުރީ މެރީޑިއަމް ސާވިސް ޕްރަައިވެޓް ލިމިޓެޑުން އެސްޓީއޯއިން ގަނެފައިވާ ތެލަށް ދައްކަން ޖެހޭ ފައިސާގެ ގޮތުގައި 19 މިލިއަން ރުފިޔާ ދެއްކުމަށެވެ.
މެރީޑިއަމްއިން އެސްޓީއޯއަށް ދައްކަން ޖެހޭ ފައިސާ ހޯދަން، މެރީޑިއަމްއާ ދެކޮޅަށް އެސްޓީއޯއިން އެންމެ ފުރަތަމަ ދައުވާ ކުރީ 2016 ވަނަ އަހަރުގައެވެ. އެހެންނަމަވެސް އެކުންފުނިން ތެޔޮ ގަނެފައިވާކަން އެސްޓީއޯއަށް ސާބިތުކޮށް ނުދެވުމުން މީގެ ކުރިން އެމައްސަލައިގައި، ސިވިލް ކޯޓުން ހުކުމްކުރީ އެ ފައިސާ މެރީޑިއަމް އިން ދައްކަން ނުޖެހޭ ގޮތަށެވެ.
އެމައްސަލައިގައި ހައިކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ 2010 ވަނަ އަހަރުގެ އޯގަސްޓްމަހުގެ 23 ވަނަ ދުވަހުން ފެށިގެން، އެއަހަރުގެ އޮކްޓޯބަރުމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް މެރީޑިއަމް އަށް ކްރެޑިޓަށް ދޫކޮށްފައިވާ ކަމަށް ބުނާ ތެލަކީ، މެރީޑިއަމްއަށް ދޫކޮށްފައިވާ ތެޔޮކަން ހެކީންގެ ހެކި ބަހުން ސާބިތުވާ ކަމަށެވެ.
އެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ކުރިއަށް ގެންދަނިކޮށް މެރީޑިއަމުން ނެރުނު ނޫސްބަޔާނެއްގައި މީގެ ކުރިން ބުނީ އެ ކުންފުންޏާ ގުޅިގެން ހިނގަމުން އަންނަ ޝަރީއަތުގެ އަޑުއެހުންތަކެއް ނިމިފައިވަނިކޮށް، އެސްޓީއޯގެ ފަރާތުން ކުއްލިއަކަށް އިތުރު ލިޔުންތަކެއް ފެނިފައިވާ ކަމަށް ބުނުމަކީ ޝަރީއަތަށް ނުފޫޒު ފޯރުވުން ކަމުގައި އެ ކުންފުނިން ދެކޭ ކަމަށެވެ.
އަދި އެސްޓީއޯއިން ޝަރީއަތަށް ނުފޫޒު ފޯރުވުމަށްޓަކައި އާ ކަންތައްތަކެއް އުފަން ކުރުވި ކަމަށްވެސް މެރީޑިއަމުން ތުހުމަތު ކޮށްފައިވެއެވެ.