އަމިއްލަ އެދުމެއްނެތި މަސައްކަތްކުރަނީ ރައްޔިތުންގެ ކަންކަން ފުއްދައިދިނުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއިން މިއަދު ގެނެސްދިން އިންޓަވިއުއެއްގައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަކީ ކަމެއް ހަވާލުވެގެން އެކަންކޮށްދެއްވަން އައިސް ހުރި ބޭފުޅެއް ކަމަށާއި މިއަދު ހަވާލުވެފައި އޮތީ ރައްޔިތުންނަށް ދަތިވެފައިހުރި ކަންތައްތަކެއް ފުއްދައިދިނުން ކަމަށެވެ.
"އަމިއްލަ އެދުމެއްނެތި މަސައްކަތްކުރަނީ ރައްޔިތުންގެ ކަންކަން ފުއްދައިދިނުމަށް. އަޅުގަނޑު މިއީ ކަމެއް ހަވާލުވެގެން ޑެލިވާ ކުރަން އައިސް ހުރި މީހެއް. މިއަދު ހަވާލުވެފައި މިއޮތީ ރައްޔިތުންނަށް ދަތިވެފައި ހުރި ކަންތައްތަކެއް ފުއްދައިދިނުން. ސަމާސާ ކުރުމެއްނެތި އަޅުގަނޑު ވަރަށް ވަރުގަދައަށް މި މަސައްކަތްކުރަނީ އަޅުގަނޑާ ހަވާލުވެފައި މިއޮތް ޓާސްކު ރައްޔިތުންނަށް ފުރިހަމަކޮށްދޭން،" ރައީސް ވިދާޅުވިއެވެ.
އަޅުގަނޑު މިއީ ކަމެއް ހަވާލުވެގެން ޑެލިވާ ކުރަން އައިސް ހުރި މީހެއް. މިއަދު ހަވާލުވެފައި މިއޮތީ ރައްޔިތުންނަށް ދަތިވެފައި ހުރި ކަންތައްތަކެއް ފުއްދައިދިނުން.ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް
ރައީސް ވިދާޅުވީ މީހުން ގޮންޖަހާފައި ހުރި ކަންތައްތައް ހާސިލް ވެގެންދިއުމަކީ އެމަނިކުފާނަށް ލިބޭ ބޮޑު އުފަލެއް ކަމަށާއި މިސާލަކަށް ބްރިޖުގެ މަސައްކަތް ވެސް ނިމިގެންދިއުމުން ވަރަށް އުފާކުރާ ކަމަށެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީކުރި އާ ރަންވޭގެ މަސައްކަތް ނިމިގެންދިއުމުން ވެސް އުފާކުރާ ކަމަށް ވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ޒުވާން ގައުމީ ޓީމު ސާފްގެ ޓްރޮފީ އުފުލައިލުން، އަދި ކުންޏާ ހެދި މާލޭގެ ވަކި ސަރަހައްދެއްގައި ދިރިއުޅެން ނުކުޅަދާނަ ވެފައި އޮތް ކުނި ގޮނޑު ނަގައި، އިންޑަސްޓްރިއަލް ވިލެޖް ހެދުމަކީ އަޅުގަނޑު ވަރަށް އުފާވާ ކަމެއް. މިހާރު މާލެއަކީ ވަރަށް ރީތި ތަނެއް. ކުރީގައި މާލޭގައި ހިތްފަސޭހަ ކޮށްލާނެ ތަނެއް ނެތް. މާލެ ތޮއްޖެހިފައި އޮތް ކަމަށް އެންމެން ދެކެނީ. މިހެން ހުރި ބޮޑެތި މައްސަލަތަކަށް ހައްލު ލިބިގެން ދިއުމަކީ އެންމެ އުފާވާ ކަންތައް،" ރައީސް ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް އައިއިރު އޮތް ނާމާން ވެއްޓާއި މިހާރު އަޅާބަލާއިރު ނިސްބަތުން ރައްޔިތުންނަށް ރާއްޖޭގެ ހުރިހާ ދިމާއެއްގައި ވެސް ދިރިއުޅެން ވަރަށް ފަސޭހަވާނެ ކަމަށާއި ހާސިލްވެގެން އެދިޔައީ ވަރަށް ބޮޑެތި ލަނޑުދަނޑިތައް ކަމަށެވެ.