އއ. ރަސްދޫ ކައުންސިލު އިދާރާ ތެރޭގައި ހުރި ޑަސްބިނެއްގެ ތެރެއިން ބަނގުރާ ހުސްކުރި ފުޅިއެއް ފެނުނު ކަމަށް ކުރިން ބުނެވިފައިވަނީ މައުލޫމާތުގެ ކުށަކުން ކަމަށާއި ބަނގުރާ ހުސްކުރި ފުޅި ފެނިފައިވަނީ ކައުންސިލް އިދާރާގެ ގޯތި ތެރޭގައި ހުރި ޑަސްބިނަކުން ކަމަށް ފުލުހުން ބުނެފިއެވެ.
''ވަންއޮންލައިން'' އަށް މިރޭ މައުލޫމާތު ދެއްވަމުން ފުލުހުން ފުރަތަމަ ބުނެފައިވަނީ އއ. ރަސްދޫ ކައުންސިލު އިދާރާ ތެރޭގައި ހުރި ޑަސްބިނެއްގެ ތެރެއިން ބަނގުރާ ހުސްކުރި ފުޅިއެއް ފެނުނު ކަމަށެވެ.
ނަމަވެސް އޭގެ ކުޑައިރުކޮޅެއް ފަހުން ފުލުހުން ބުނީ ކުރިން އެހެން ބުނެވިފައި އެވަނީ މައުލޫމާތުގެ ކުށަކުން ކަމަށެވެ. ފުލުހުން ތަހުގީގުކުރަމުން އަންނަނީ ކައުންސިލްގެ ގޯތިތެރޭގައި ހުރި ޑިސްބިނެއްގެ ތެރެއިން ބަނގުރާ ހުސްކޮށްފައި ހުރި ފުޅިއެއް ފެނުނު މައްސަލަ ކަމަށް ފުލުހުން ބުންޏެވެ.
ކައުންސިލު އިދާރާގެ ގޯތި ތެރޭގައި ހުރި ޑަސްބިނަކުން ބަނގުރާ ހުސްކުރި ފުޅިއެއް ފެނިފައިވާކަމަށް ފުލުހުން ބުނެފައިވާއިރު، ކައުންސިލުގެ ނައިބު ރައީސް މިރޭ ވިދާޅުވީ ދައުރުވަމުންދާ ވީޑިއޯއަކީ ކައުންސިލާއި ކައުންސިލް އިދާރާގެ ހުރިހާ މުވައްޒަފުން ބަދުނާމް ކުރުމަށް ދައުރުކުރަމުންދާ ވީޑިއޯއެއް ކަމަށެވެ.
ދައުރުވަމުންދާ ވީޑިއޯގައި އެބުނާ ކަމެއް ވީ ކަމެއް ކައުންސިލަށް ނޭނގޭ ކަމަށާއި ދައުރުވަމުންދަނީ ކޮން އިރެއްގެ ވީޑިއޯއެއް ކަމެއް ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.