އއ. ރަސްދޫ

ރަސްދޫ ކައުންސިލު އިދާރާގެ ގޯތިތެރޭގައި ހުރި ޑަސްބިން ތެރެއިން ބަނގުރާ ފުޅިއެއް ފެނުނު މައްސަލަ ތަހުގީގު ކުރަނީ

ޝަހީދާ އަބްދުﷲ ސައީދު

އއ. ރަސްދޫ ކައުންސިލް އިދާރާގެ ގޯތިތެރޭގައި ޑަސްބިން ތެރެއިން ބަނގުރާ ފުޅިއެއް ފެނުނު މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު މިރޭ ފުރަތަމަ ވިދާޅުވީ ރަސްދޫ ކައުންސިލް އިދާރާގައި ހުރި ޑަސްބިނެއްގެ ތެރެއިން ބަނގުރާ ހުސްކޮށްފައިވާ ފުޅިއެއް ފެނުނު މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް ފަހުން ފުލުހުންގެ ބުނީ ކައުންސިލް އިދާރާގައި ހުރި ޑަސްބިނެއްގެ ތެރެއިން ބަނގުރާ ހުސްކޮށްފައިވާ ފުޅިއެއް ފެނުނު ކަމަށް ބުނެވުނީ އޮޅުމަކުން ކަމަށާއި ފުލުހުން ތަހުގީގުކުރަމުން އަންނަނީ ކައުންސިލްގެ ގޯތިތެރޭގައި ހުރި ޑިސްބިނެއްގެ ތެރެއިން ބަނގުރާ ހުސްކޮށްފައި ހުރި ފުޅިއެއް ފެނުނު މައްސަލަ ކަމަށެވެ.

އެކަމާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް އޮފިޝަލު ހާމައެއް ނުކުރައްވައެވެ.

ރަސްދޫ ކައުންސިލު އިދާރާގެ ތެރޭގައި ހުރި ޑަސްބިނެއްގެ ތެރެއިން ބަނގުރާ ހުސްކުރި ފުޅިއެއް ފެނިފައިވާ ވީޑިއޯއެއް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެކަމާ ގުޅޭ ގޮތުން ''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ރަސްދޫ ކައުންސިލުގެ ނައިބު ރައީސް ވިދާޅުވީ އެކަމަކީ ކައުންސިލާއި ކައުންސިލް އިދާރާގެ ހުރިހާ މުވައްޒަފުން ބަދުނާމް ކުރުމަށް ދައުރުކުރަމުންދާ ވީޑިއޯއެއް ކަމަށެވެ. ދައުރުވަމުންދާ ވީޑިއޯގައި އެބުނާ ކަމެއް ވީ ކަމެއް ކައުންސިލަށް ނޭނގޭ ކަމަށާއި ދައުރުވަމުންދަނީ ކޮން އިރެއްގެ ވީޑިއޯއެއް ކަމެއް ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ. އިތުރު މައުލޫމާތެއް އޭނާ ހާމައެއް ނުކުރައްވައެވެ.