ޚަބަރު

ޔުނިސެފްގެ ރީޖަނަލް ޑިރެކްޓަރ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައިފި

ފަތޯނާ ފާއިޒު

އ.ދ.ގެ ކުޑަކުދިންގެ ފަންޑް (ޔުނިސެފް) ގެ ފަރާތުން ދެކުނު އޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ރީޖަނަލް ޑިރެކްޓަރ މިސް ޖީން ގޯ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

އެ ބައްދަލުކުރެއްވުމުގައި ޖީންގޯ ވަނީ ރާއްޖެއާއި ޔުނިސެފަށް ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަަނީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމުގައި ރާއްޖެެއިން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން އަރުވާފައެވެ.

މީގެ އިތުރުން، އިންސާނީ ހައްގުތައް ކަށަވަރު ކުރުމުގައި ކުރިއަށް އޮތްތަނުގައިވެސް ރާއްޖެއިން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރ ވަނީ ދެއްވާފައެވެ.

ޔުނިސެފްގެ ފަރާތުން ދެކުނު އޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ރީޖަނަލް ޑިރެކްޓަރ މިސް ޖީން ގޯ ވަނީ ފަސްޓްލޭޑީ ފަޒުނާ އަހުމަދާވެސް ބައްދަލު ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި، މިސް ޖީން ގޯ މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި ރާއްޖޭގައި ކުޑަކުދިންގެ ހިމާޔަތާއި ރައްކާތެރިކަމާއި ކުޑަކުދިންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް ދެފަރާތުން ގުޅިގެން މަސައްކަތްކުރެވޭނެ ނިޒާމެއް ޤާއިމމުކުރުން ހިމެނެއެވެ.