އުފާވެރި އާއިލާއެއް ބިނާކުރެވޭނީ، އާއިލާގެ ކޮންމެ ފަރުދެއްގެ ހަށިހެޔޮކަމާ ދުޅަހެޔޮކަން އިތުރު ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ބ. އަތޮޅު ހޮސްޕިޓަލުގެ ރަންޔޫބީލް ފާހަގަ ކުރުމަށް އެއަތޮޅު އޭދަފުށީގައި އަންގާރަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ހަރަކާތްތެރި ދިރިއުޅުމަކަށް އާދަވުމަކީ، އެތައް ބަލިތަކަކުން ދުރުކޮށްދޭ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެންގެ އާދަތައް ހުރި ގޮތުން، ސިއްހީ ކަންކަމުގައި އަދިވެސް ބޮޑަށް ބުރަވެވެނީ ފަހަތު ފަޔަށް. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އިސްކަންދިނުމުގެ ބަދަލުގައި، ގިނަ މީހުންނަށް ތިބެވެނީ ބަލިވުމުން ބޭސްކުރަން." ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސިއްހީ ހިދުމަތްތައް މިހާރަށްވުރެ ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި ވެސް، ރައްޔިތުން އަމިއްލަ ސިއްހަތަށް ދޭ ސަމާލުކަން އިތުރުކުރުމަކީ، ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.
"އަޅުގަނޑުމެން މި އެދޭ އުފާވެރި ދިރިއުޅުން ފެންނާނީ އޭރުން. އުފާވެރި އާއިލާއެއް ބިނާކުރެވޭނީ، އާއިލާގެ ކޮންމެ ފަރުދެއްގެ ހަށިހެޔޮކަމާ ދުޅަހެޔޮކަން އިތުރުވެގެން." ރައީސް ސޯލިހު ވިދާޅުވިއެވެ.
ރަށްރަށުން އެކަށީގެންވާ ސިއްހީ ހިދުމަތްތައް ލިބެން ނެތުމަކީ މިއަދުވެސް ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ މާލެއަށް ދިޔަސް، ވަކި ބައްޔަކަށް ހާއްސަ ޑޮކްޓަރަކަށް ދެއްކުމަށް، އެތައް ދުވަހަކު އިންތިޒާރުގައި ތިބެން އެބަޖެހޭ ކަމަށެވެ. އަދި ރަނގަޅަށް ތަމްރީނުވެފައި ތިބި މީހުން، ރަށްރަށުގައި އެކަށީގެންވާ މިންވަރަށް ނެތުންވެސް އެއީ ބޮޑު މައްސަލައެއް ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ބޭސް ލިބެން ނެތުމާއި ބޭހުގެ ކޮލިޓީ ދަށްވުންވެސް މައްސަލައެއްގެ ގޮތުގައި އަދިވެސް އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.