ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ އިތުރު މައްސަލައެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން ފަނޑިޔާރު އަބްދުﷲ ދީދީގެ އިތުރު މައްސަލައެއް ބެލުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމާފައިވާ އިރު، މިހާރު ވެސް އެ ކޮމިޝަނުން އަންނަނީ އޭނާގެ މައްސަލަތަކެއް ބަލަމުންނެވެ.
އަބްދުﷲ ދީދީއާ ގުޅޭގޮތުން ހުށަހެޅިފައިވާ އެ މައްސަލަ ބެލުމަށް ފޮނުވާފައިވަނީ މިހާރުވެސް އަބްދުﷲ ދީދީގެ މައްސަލަތައް ބަލަމުން އަންނަ ކޮމިޓީއަށެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ޖޭއެސްސީގެ ނާއިބު ރައީސް މަސްތޫރު ހުސްނީ އާއި ޖޭއެސްސީގެ މެންބަރުން ކަމުގައިވާ ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތާއި ފަނޑިޔާރު އުސްތާޒު މުހައްމަދު އީސާފުޅުގެ އިތުރުން އަލްއުސްތާޒާ ހިސާން ހުސެއިން އަދި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމެވެ.
މީގެ ކުރިން އެ ކޮމިޓީން ތަހުގީގު ހިންގުމަށްފަހު ފަނޑިޔާރު އަބްދުﷲ ދީދީ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމައި، އެ މައްސަލައިގެ ތަހުގީގު ރިޕޯޓު ކޮމިޝަނަށް ހުށަހަޅާފައިވެއެވެ. މިމަހުގެ ޖުލައި މަހުގެ ނުވަވަނަ ދުވަހުން ފެށިގެން އެ ރިޕޯޓަށް ޖަވާބުދާރީވުމަށް ޖޭއެސްސީން ވަނީ އަބްދުﷲ ދީދީއަށް 30 ދުވަހުގެ މުއްދަތެއް ދީފައެވެ.