ޚަބަރު

"ޔާމީން ރަޝީދު މަރާލުމުގެ މަޝްވަރާތައް ފެށީ ފުރުގާން މިސްކިތާއި ތޮއިބާ މިސްކިތުގައި"

4

އަނިޔާވެރި ގޮތަކަށް މަރާލި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު މަރާލުމުގެ މަޝްވަރާތައް ފެށީ ފުރުގާން މިސްކިތާއި ތޮއިބާ މިސްކިތުގައި ކަމަށް އެ މައްސަލައިގައި ހެކި ބަސް ދިން މީހަކު ބުނެފިއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށްދިޔަ ޝަރީއަތުގައި ހެކި ބަސް ދިން މީހާ ބުނީ ފުރުގާން މިސްކިތާއި ތޮއިބާ މިސްކިތުގައި އެ މަޝްވަރާތައް ފެށުނީ ނޮވެމްބަރު 2016ގެ ތެރޭގައި ކަމަށެވެ.

ފުރުގާން މިސްކިތާއި ތޮއިބާ މިސްކިތުގެ އިތުރުން ޔާމީން ރަޝީދު މަރާލި މައްސަލައިގައި ދައުވާ ލިބޭ ހ. އަންނާރުމާގެ، އިސްމާއީލް ހައިޝަމް ރަޝީދުގެ ގޭގައި ވެސް މަޝްވަރާތައް ކުރި ކަމަށާއި އެ މައްސަލައިގައި ދައުވާ ލިބޭ މީހުންނަށް މަސައްކަތްތައް ހަވާލުކޮށްފައިވަނީ ހައިޝަމްގެ ގޭގައި 2017ގެ ފެބްރުއަރީ މަހު ބޭއްވި ބައްދަލުވުމެއްގައި ކަމަށް ހެކި ބަސް ދިން މީހާ ބުންޏެވެ.

ހެކި ބަސް ދިން މީހާ ބުނީ ޔާމީން ރަޝީދު މަރާލުމަށް ތައްޔާރުވުމުގެ ގޮތުން އެ މައްސަލައިގެ ދައުވާ ލިބޭ މީހުން ބުންވަރު ރަނގަޅު ކުރުމަށް ދުވަން ދިއުމާއި ފަތަން ދިއުން ފަދަ ހަރަކާތްތައް ކުރިއަށް ގެންދިޔަ ކަމަށާއި ހަމަލާ ދިނުމަށް ފުރަތަމަ އިސް ނެގީ ހައިޝަމް އާއި މ. ކޮޅުފުށި، އީސްޓް ހުސައިން ޒިޔާދު ކަމަށެވެ. ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ ފުރުގާން މިސްކިތުގައި ކަމަށާއި ދެވަނަ ބައްދަލުވުން ތޮއިބާ މިސްކިތުގައި އަދި އެއަށްފަހު ބައްދަލުކުރީ ހައިޝަމްގެ ގޭގައި ކަމަށް އޭނާ ބުންޏެވެ.

ޔާމީން ރަޝީދު މަރާލަން ނިންމީ ދީނަށް ފުރައްސާރަ ކުރާ މީހަކަށް ވާތީ ކަމަށާއި ފުރުގާން މިސްކިތުގައި ރޭވުންތައް ރޭވި އިރު، ހެކި ބަސް ދިން މީހާ ވެސް ބައިވެރިވެފައިވާނެ ކަމަށް އޭނާ ބުންޏެވެ.

ހައިޝަމް އާއި ޒިޔާދުގެ އިތުރުން ޔާމީން ރަޝީދު މަރާލި މައްސަލައިގައި ދައުލަތުން ދައުވާ އުފުލީ މ. ކުދެހިގޭ، ހަސަން ޝިފާޒާއި މ. ތާއިފް، އިސްމާއިލް ރަޝީދާއި ގދ. ގައްދޫ ސިންދުބާދުގޭ، މުހައްމަދު ދިފްރާންގެ މައްޗަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟