މަސްވެރިކަން

ހަތް ބާވަތެއްގެ މަސްވެރިކަން މަނާކޮށް، ދެ މިލިޔަނުން ޖޫރިމަނާކުރަން ބިލުގައި ހިމަނައިފި

އިބްރާހިމް ޒަކީ

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި، ހަތް ބާވަތެއްގެ މަސްވެރިކަން ކުރުން މަނާކޮށް، އެފަދަ މަސްވެރިކަން ކުރާ ފަރާތްތައް ދެ މިލިޔަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް މަސްވެރިކަމާބެހޭ ބިލުގައި ހިމަނައިފިއެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް އިއްޔެ ފޮނުއްވި މި ބިލުގެ 21 ވަނަ މާއްދާގައި ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ކުރުން މަނާ މަސްވެރިކަމުގެ ބާވަތްތައް ކަނޑައަޅައިފައެވެ.

އޭގެ ތެރޭގައި ހިމެނެނީ، ބޮޑު ދަލުގެ މަސްވެރިކަން، އޮޔާދާ ދަލުގެ މަސްވެރިކަން، ދަމާ ދަލުގެ މަސްވެރިކަން، އަމިއްލަ ބޭނުމަށްކުރާ މަސްވެރިކަމާއި އެެންވެރިކަން ފިޔަވައި ދާ ބޭނުންކޮށްގެން މަސްވެރިކަން ކުރުން، ދޫކުރާ ދަގަނޑު ބޭނުންކޮށްގެން ކުރާ މަސްވެރިކަން، ގޮވާ އެއްޗެއް ނުވަތަ ވިހައެއް ނުވަތަ އެހެންވެސް އެފަދަ ކެމިކަލެއް ބޭނުންކޮށްގެން މަސްވެރިކަންކުރުން އަދި ރޮދުލުމެވެ.

މި ފަދަ މަސްވެރިކަމެއް ކުރާ ފަރާތެއް ދެ މިލިޔަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް ބިލުގައި ހިމަނާފައި ވެއެވެ.

މި ބިލުގައިވާގޮތުން، ފިޝަރީޒް މިނިސްޓްރީން ދޫކުރާ ލައިސަންސެއް ނެތި، ނުވަތަ ލައިސަންސްގައި ބަޔާންކޮށްފައިވާ ޝަރުތުތަކާ ހިލާފަށް މަސް ޕްރޮސެސްކުރާތަނެއް، ނުވަތަ އޯފްޝޯ ޕްލެޓްފޯމެއް، ނުވަތަ އައިސް ޕްލާންޓެއް ގާއިމް ކޮށް ހިންގުމަކީ ވެސް މަނާ ކަމެކެވެ.

އެފަދަ ކުށެއް ކޮށްފިނަމަ ހަތަރުލައްކަ ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭގޮތަށް ބިލުގައި ވަނީ ހިމަނައިފައެވެ.

ބިލުގައި ބުނާގޮތުން ފިޝަރީޒް މިނިސްޓްރީން ދޫކުރާ ލައިސަންސް ހޯދުމަކާނުލައި ނުވަތަ ލައިސަންސްގައި ބަޔާންކޮށްފައިވާ ޝަރުތުތަކާ ހިލާފަށް އެކުއަކަލްޗާ ކުރުމާއި އެއާ ގުޅުންހުރި ހަރަކާތެއް ހިންގުމަކީ ވެސް މަނާކަމެކެވެ.

އެފަދަ ފަރާތްތައް ދެލައްކަ ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުމަށް ބިލުގައި ހިމަނާފައިވެއެވެ.