ޚަބަރު

ރަޖިސްޓްރީ ނުކޮށް ކުނި އުކާލުމަށް ވެމްކޯއިން ނަގާ ގޭޓް ފީ ބޮޑުކޮށްފި

މަރިޔަމް ޝަހުދާ

ވެމްކޯގައި ރެޖިސްޓްރ ނުކޮށް އަމިއްލައަށް ކުނި އުކާލާ ފަރާތްތަކުން ދައްކާ ގޭޓް ފީ ވެމްކޯއިން ބޮޑުކޮށްފިއެވެ.

ވެމްކޯއިން މިކަން އާންމުކޮށްފައިވަނީ މިއަދުގެ ވަގުތެއްގައި ނެރުނު ބަޔާނެއްގައެވެ. ވެމްކޯއިން މައުލޫމާތު ދިން ގޮތުގައި މިމަހު 25 އިން ފެށިގެން މި ބަދަލަށް އަމަލުކުރަން ފަށާފައިވާ އިރު، ވެމްކޯގެ މާލެ އަދި ހުޅުމާލެ ޓްރާންސްފަރ ސްޓޭޝަންތަކަށް ކުނި އުކާލެވޭނީ ގޭޓް ފީގެ ގޮތުގައި ޓަނެއްގެ ކުންޏަށް 750 ރުފިޔާ (ޖީއެސްޓީ ނުލައި) ދައްކައިގެންނެވެ.

ވެމްކޯ އިން ބުނީ މާލޭ ސަރަހައްދުގައި ވިޔަފާރި އުސޫލުން ކުނި ނަގައި އުކާލާ އެހެނިހެން ފަރާތްތަކުގެ ސަބަބުން އެކުންފުންޏަށް މާލީ ގެއްލުންތައް ކުރިމަތިވާ ކަމަށެވެ. އަދި ކުނި އުކާލުމުގެ ހުރިހާ ޒިންމާއެއް އެންވަޔަރަމަންޓް މިނިސްޓްރީ އިން ވެމްކޯއަށް ދީފައިވާއިރު މިއީ ގަވައިދާ ހިލާފު އަމަލެއް ކަމަށް ވެމްކޯ އިން ފާހަގަކުރެއެވެ. އަދި މިއީ އެކުންފުނީގެ މާލީ މަސްލަހަތާ ގުޅިފައިވާ ކަމެއްކަން ފާހަގަކޮށް ކުރިއަށްއޮތް ތާނގައިވެސް ވެމްކޯގެ މަސްލަހަތު ހިމާޔަތް ކުރުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރާނެ ކަމަށް ވެމްކޯއިން ބުނެއެވެ.

މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ކުނި އެއްކޮށް، އެކުނި ތިލަފުއްޓަށް ކަނޑުމަގުން އުފުލުމަށްފަހު ތިލަފުށީގައިވާ އެ ކޯޕަރޭޝަނުގެ ވޭސްޓް ޑިސްޕޯސަލް ފެސިލިޓީއަށް ގެންގޮސް ތިލަފުށީގައި އެކުނި މެނޭޖްކުރުމަކީ ބޮޑު ހަރަދެއް ކުރަންޖެހޭ ކަމެއް ކަމަށް މި ބަޔާނުގައި އެކުންފުނިން ބުނެއެވެ. އަދި މިގޮތަށް ކަން ހިނގާއިރު ގަވާއިދާ ހިލާފަށް ކުނި އުކާލުމުގެ ހިދުމަތް ބަޔަކު ދެމުން އަންނާތީ އެކަމުގެ ނޭދެވޭ އަސަރު އެކުންފުންޏަށް ކުރާކަމަށް ވެމްކޯއިން ބުނެއެވެ. އަދި ގޭޓް ފީ ބޮޑުކޮށްފައިވަނީ މިފަދަ ކަންކަން ކޮންޓްރޯލް ކުރުމުގެ ގޮތުން ކަމަށް ވެމްކޯއިން ބުނެއެވެ.