މީގެ ކުރީގެ ސަރުކާރުތަކުން ރާއްޖެ ތަރައްގީ ކުރުމަށް މަޝްރޫއުތައް ރާވާފައި ހުރީ މާލެ ތޮއްޖެހޭ ގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ ބ. އަތޮޅު ހޮސްޕިޓަލުގެ ރަންޔޫބީލް ފާހަގަ ކުރުމަށް ރޭ އެއަތޮޅު އޭދަފުށީގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ ރަށްރަށުން އެކަށީގެންވާ ސިއްހީ ހިދުމަތްތައް ލިބެން ނެތުމަކީ، މިއަދުވެސް ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާ ކަމަށެވެ. މާލެއަށް ދިޔަސް، ވަކި ބައްޔަކަށް ހާއްސަ ޑޮކްޓަރަކަށް ދެއްކުމަށް އެތައް ދުވަހަކު އިންތިޒާރުގައި ތިބެން އެބަޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރަނގަޅަށް ތަމްރީނުވެފައި ތިބި މީހުން ރަށްރަށުގައި އެކަށީގެންވާ މިންވަރަށް ނެތުން އެއީވެސް ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާއެއްކަން ފާހަގަ ކުރައްވައި އެމަނިކުފާނު ވިދާޅުވީ ބޭސް ލިބެން ނެތުމާއި ބޭހުގެ ކޮލިޓީ ދަށްވުންވެސް މައްސަލައެއްގެ ގޮތުގައި ފާހަގަ ކުރެވޭ ކަމަށެވެ.
"މި ޝަކުވާތައް އުފެދުނީ ރާއްޖެ ތަރައްގީކުރަން ގެންގުޅުނު ސިޔާސަތުގެ ސަބަބުން. އެއީ މާލެއަށް މީހުން ތޮއްޖެހޭ ގޮތަށް ރޭވި ތަރައްގީގެ މަޝްރޫއުތައް. އޭގެ ނަތީޖާއަކަށްވީ ޑޮކްޓަރަށް ދައްކަން ވިޔަސް އެކްސްރޭއެއް ނަގަން ޖެހުނަސް ދަތުރު ހަދާފައި މާލެ ދާން ޖެހުން. އެއީ ރަށްރަށުގެ ރައްޔިތުން ކުރަންޖެހޭ ވަރަށް ބޮޑު ހަރަދުތަކެއް" ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސިއްހީ ނިޒާމުގެ އެންމެ ބޮޑު މައްސަލައަކީ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށް ރާވާފައި ހުރި ކަންކަމުގެ ތެރެއަށްވެސް ކޮރަޕްޝަނާއި ފަސާދަ ވަނުން ކަމަށެވެ. އާސަންދަ ފަދަ ނިޒާމުތައް އޭގެ އަސްލު މަގްސަދު ހާސިލުނުވެ، ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުވަނީވެސް ކޮރަޕްޝަންގެ ސަބަބުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުންނާ ވީހާ ގާތުން އެމީހަކު ހުރި ރަށަކުން ނުވަތަ އެމީހަކު ހުރި އަތޮޅަކުން އެކަށޭނަ ސިއްހީ ފަރުވާ ފޯރުކޮށްދިނުން ކަމަށެވެ. އަދި އެކަން ކުރެވޭނީ، ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ސިއްހީ ނިޒާމަށް ބަދަލުތަކެއް ގެނެސް، ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލުތަކުގެ ފެންވަރު ރަނގަޅު ކޮށްގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.