ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް، ހއ. އިހަވަންދޫ އަންބަރީގެ، ޢަބްދުލްމާނިއު ހުސައިން މިއަދު އައްޔަން ކުރައްވައިފިއެވެ.
މާނިއު އެމަގާމަށް ހަމަޖެއްސެވީ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (އ) އާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ 10 ވަނަ ނަންބަރާއި ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ޤާނޫނުގެ 69 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީންނެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް މާނިއު އައްޔަން ކުރެއްވުމުގެ ކުރިން، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، މާނިއު ވަނީ، ރައީސްގެ ކުރިފުޅުމަތީގައި ކުރައްވާފައެވެ. އޭނާއަށް ހުވައިލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ.
މިރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް ސޯލިހު ވަނީ މާނިއުއާ ހަވާލުކުރައްވައިފައެވެ.
ވަކިލުންގެ ފަރާތުން ޖޭއެސްސީގައި އިންނަވާނެ މެމްބަރު ކަނޑައެޅުމަށް އިލެކްޝަންސް ކޮމިޝަނުން މިމަހުގެ 27 ވަނަ ބޭއްވި އިންތިހާބުގައި 404 ވަކީލުން ވޯޓު ދެއްވާފައިވެއެވެ. އޭގެ ތެރެއިން މާނިއުއަށް ލިބިވަޑައިގަތީ 199 ވޯޓެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ވަކީލު އަލީ ރަޝީދަށް ލިބިވަޑައިގަތީ 124 ވޯޓެވެ.
އަދި އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރަށް 37 ވޯޓު ލިބިވަޑައިގެންނެވިއިރު ހަނީފާ ހާލިދަށް ލިބިވަޑައިގަތީ 27 ވޯޓެވެ. އެންމެ މަދުން ވޯޓު ލިބިވަޑައިގެންނެވި އަހުމަދު ނަޝީދަށް ލިބިވަޑައިގަތީ 10 ވޯޓެވެ.
އެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވަނީ 1487 ވަކީލުންނަށެވެ.