ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ވަރަށް އަވަހަށް ޗައިނާއަށް ދާނަން: ފޮރިން މިނިސްޓަރު

ފަތޯނާ ފާއިޒު

ރަސްމީ ދަތުރެއްގައި ވަރަށް އަވަހަށް ޗައިނާއަށް ވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ފޮރިން މިނިސްޓަރު މިހެން ވިދާޅުވީ އެމަނިކުފާނު މިއަދު ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރެއްވުމުން މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވަނީ ފޮރިން މިނިސްޓަރު މިހާތަނަށް 19 ގައުމަކަށް ދަތުރު ކުރެއްވިއިރު ޗައިނާއަށް ވަޑައިގެންފައި ނުވަނީ ކީއްވެގެންތޯ ސުވާލު ކުރައްވައިފައެވެ.

"އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އަޅުގަނޑު ޗައިނާއަށްވެސް ދަތުރު ކުރާނަން. އަދި އަޅުގަނޑު މި ކުރަމުންދާ ދަތުރުތަކުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖެ ބާކީވެފައިވާ ބާކީވުން އަލުން އަނބުރާ ގެނައުން" މެންބަރު ޝިޔާމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ފޮރިން މިނިސްޓަރު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިހާތަނަށް ހަތަރު ގައުމަކަށް ފުރަމާނަ ދަތުރުފުޅުތަކެއް ކުރައްވާފައިވާ ކަމަށެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އެކި ގައުމުތަކުން ހިލޭ އެހީ ހޯދި މިންވަރަށް މި ސަރުކާރުން އެންމެ ތިން މަސް ދުވަހުގެ ތެރޭގައި ހިލޭ އެހީ ހޯދާފައިވާކަން މިނިސްޓަރު ޝާހިދު ފާހަގަކުރެއްވިއެވެ. އެގޮތުން ހިލޭ އެހީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ ސަރުކާރުން އަވަށްޓެރި އިންޑިއާއާ މާ ބަދަހި ގުޅުމެއް ބާއްވައި، ޗައިނާ ފަދަ ގައުމުތައް އެކަހެރި ކުރާ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ. އެހެންނަމަވެސް ސަރުކާރުގެ ހާރިޖީ ސިޔާސަތުގައި ހުރިހާ ގައުމަކާއެކުވެސް ގުޅުން ބާއްވަން އިސްކަންދޭ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މީގެ ކުރިން ވެސް ވަނީ ވިދާޅުވެފައެވެ. އަދި ރައީސް ސޯލިހު ވެސް ވަނީ ވިދާޅުވެފަ އެވެ.