ޚަބަރު

މަޖިލީހުގެ ރައީސްކަމަށް ބޭފުޅަކު އިންތިހާބުކުރުމަށް ކޮމިޓީއެއް އެކުލަވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ބޭފުޅަކު އިންތިހާބު ކުރުމަށްޓަކައި ފަސް މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލައިފިއެވެ.

މަޖިލީހުގެ ރައީސަކު އިންތިހާބުކުރުމަށް ވިލިފުށި ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ހުށަހެޅުއްވި ފަސް މެމްބަރުންގެ ކޮމިޓީއަށް ތާއީދުކުރެއްވީ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމެވެ.

ރިޔާޒް ހުށަހެޅުއްވި ކޮމިޓީ ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 79 މެމްބަރުންގެ އިއްތިފާގުންނެވެ.

އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކާއި، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފް އަދި މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމެވެ.

މަޖިލީހުގެ ރައީސަކު އިންތިހާބު ކުރާނީ ސިއްރު ވޯޓަކުންނެވެ.