ރާއްޖޭގެ ސިއްހީ ނިޒާމު މިއަދު މިސްރާބް ޖަހާފައިވަނީ ޕަބްލިކް ހެލްތުގެ ނިޒާމު އަލުން ނަގައި ކޮޅަށްޖެހުމަށް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ބ. އޭދަފުށީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލަށް 50 އަހަރު ފުރުން ފާހަގަކުރުމަށްޓަކައި އެރަށުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ބައިނަލްއަގްވާމީ ފެންވަރުގައި ރާއްޖޭގެ ސިއްހީ ދާއިރާ ހޯދާފައިވާ ކާމިޔާބީގެ އަސްލަކީ ރާއްޖޭގެ ޕަބްލިކް ހެލްތު ވޯކަރުން ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ. އެގޮތުން މެލޭރިއާ އާއި ފައިލޭރިއާ އަދި މީސަލްސް ފަދަ ބަލިތައް ރާއްޖެއިން މުޅިން ނައްތާލެވިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އަމީން ވިދާޅުވީ މިހާރު ކުރިމަތިލާންޖެހިފައިވަނީ ގައިންގަޔަށް ނާރާ ބަލިތަކަށް ކަމަށާއި، އޭގެ ތެރޭގައި ލޭ މައްޗަށް ދިޔުމާއި ހިތުގެ ބަލިތަކާއި ހަކުރު ބަލި، އަދި ކެންސަރު ބަލިތައް ހިމެނޭއިރު، އަމާޒަކީ މިބަލިތައްވެސް ކޮންޓްރޯލްކުރުމަށް ގައުމީ ފެންވަރުގައި މަސައްކަތްކޮށް ކުރި ހޯދުން ކަމަށެވެ. އަދި މި އަމާޒަށް ވާސިލްވެވޭނީ ޕަބްލިކް ހެލްތުގެ ވަރުގަދަ ނިޒާމް ނަގައި ކޮޅަށް ޖަހައިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލު ކުރަނީ، ފަންސާސް އަހަރުގެ ހަގީގީ ތަޖްރިބާގެ އަލީގަޔާއި ތަފާތު ދާއިރާތަކުގެ ޕްރޮފެޝަނަލުންގެ އެހީތެރިކަން ލިބިގެން، ގައިންގަޔަށް އަރާ ބަލިތައް ނައްތާލެވުނު ގޮތަށް، ގައިން ގަޔަށް ނާރާ ބަލިތައްވެސް ކައިރި މުސްތަގުބަލެއްގައި ކޮންޓްރޯލު ވެގެން ދިޔުން. އަޅުގަނޑުމެން މިސްރާބު މިހިފަނީ، ހަނދާނުގެ ކަނަކަށް ސޮއްސާލައިފައިވާ ސިއްހީ ނިޒާމުގެ މައިތަބު އަލުންނަގައި ކޮޅަށް ޖެހުމަށް، އާދެ ޕަބްލިކް ހެލްތުގެ ވަރުގަދަ ނިޒާމް އަލުން ނަގައި ކޮޅަށްޖެހުމަށް." މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސުލްޖުމުހޫރިއްޔާގެ ސިއްހީ ސިޔާސަތުގައި މިއަހަރަށް ކަނޑައަޅައިފައިވާ ލަނޑުދަނޑިތަކުގެ އެއް އަމާޒަކީ ދިވެހި ރައްޔިތުން ހިދުމަތްހޯދުމަށް ކުރަންޖެހޭ ހޭދައާއި ތަކުލީފު ކުޑަކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މާލެއިން ސިއްހީ ހިދުމަތް ހޯދުމަށް ބަރޯސާވެފައި އޮތް އޮތުން ބަދަލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ 10 ސަރަހައްދަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ފެންވަރުމަތިކުރުމުގެ ހާއްސަ މަސައްކަތުގެ ތެރެއިން މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ފަސް ސަރަހައްދުގައި ސީޓީ ސްކޭންގެ ހިދުމަތް ގާއިމްކުރެވިގެންދާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ސިއްހީ މައުލޫމާތުތައް ދިރާސާކުރެވި، ހިދުމަތް ފުޅާކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ހިދުމަތް ހޯދުމަށް މާލެދާންޖެހޭ ސަބަބުތައް ދެނެގަނެ، އެ ހިދުމަތްތައް ސަރަހައްދުތަކުގައި ގާއިމު ކުރުމަށް ކަމަށާއި، މިއީ ހަގީގީ މާނައިގައި ޖަޒީރާ ދިރިއުޅުމުގެ އުފާވެރިކަން ލިބުންކަމަށެވެ.