އިބްރާހިމް ޒަކީ
މިނިމަމް ވޭޖު (މަސައްކަތްތެތިންނަށް ލިބޭ އެންމެ ކުޑަ އުޖޫރަ) ގެ ވާހަކަ ދައްކަވާ ބޭފުޅުން ކިތައް މީހުންނަށް ވަޒީފާ ދީގެން އުޅޭތޯ ވިސްނާލުން މުހިއްމު ކަމަށް ޖުމްހޫރި ޕާޓީގެ ލީޑަރު އަދި، ރައްޔިތުންގެ މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގާސިމް މިހެން ވިދާޅުވީ، މިނިމަމް ވޭޖާ ބެހޭގޮތުން، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ދެއްކެވި ވާހަކަފުޅަށް އިޝާރާތް ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ބޭރުގެ މަސްބޯޓު ފަހަރު ދިވެހި މަސްކަނޑުތަކުގައި މަސްވެރިކަން ކުރުން ހުއްޓުވުމާ ގުޅޭގޮތުން ހުށަހެޅި ޤަރާރު, ގެ ބަހުސްގައި ކުރީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ، މަސްވެރިކަމާބެހޭގޮތުން އެހާގިނަ ގަރާރު މަޖިލީހަށް ހުށަހެޅުމުގެ ބަދަލުގައި މިނިމަމްވޭޖެއް ކަނޑައެޅުމަށް މަޖިލީހަށް ބިލެއް ގެނައުން މާ މުހިއްމު ކަމަށެވެ. އަދި މިނިމަމް ވޭޖެއްގެ ގޮތުގަައި ދިހަހާސްރުފިޔާ ޒުވާނުންނަށް ލިބޭގޮތަށް ހިމަނައިގެން ބިލް ގެނައްސިނަމަ އެއަށްތާއީދު ކުރައްވާނެ ކަމަށް ސައީދު ވިދާލުވިއެވެ.
ނަމަވެސް ސައީދު ވިދާޅުވީ މިނިމަމް ވޭޖެއް ކަނޑައަޅަން މި ސަރުކާރަށް ނުކެރޭނެ ކަމަށެވެ.
ސައީދުގެ އެ ވާހަކައަށް އިޝާރާތް ކުރައްވައި، ގާސިމް ވިދާޅުވީ، މިނިމަމް ވޭޖް ކަނޑައަޅަންވީ ދިހަހާސްރުފިޔާއަށްނޫން ކަމަށާއި ވިހިހާސް ރުފިޔާއަށް ކަމަށެވެ.
އަދި މިނިމަމް ވޭޖުގެ ވާހަކަ ދައްކާ ބޭފުޅުންނަކީ ކިތައްމީހުނަށް ވަޒީފާދީގެންއުޅުއްވާ ބޭފުޅުންތޯ، ގާސިމް ސުވާލު ކުރެއްވިއެވެ.
ގާސިމް ވިދާޅުވީ އެކަހަަލަ ފެންޓަސީ ވާހަކަ ދައްކަންވީ ކިހާ ވަރަށްތޯކަން ވިސްނާލަންޖެހޭ ކަމަށެވެ.