މިއަހަރު ރާއްޖެއިން ހައްޖަށް ވަޑައިގަންނަވާބޭފުޅުންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްހައްޖުގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅަކީ، މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ، މުހައްމަދު އަސްލަމް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ހަމަޖައްސަވައިފިއެވެ.
ހައްޖުވެރިން ހައްޖަށް ފުރުމަށް އެމީހުންގެ އާއިލާގެ އިތުރުން ރައްޓެހިން އެއާޕޯޓަށް ގެންގޮސްދޭނެ ނިޒާމު ސަރުކާރުން ވަނީ އެމްޓީސީސީ އަދި އެމްޕީއެލް އާއި ގުޅިގެން ހަމަޖައްސަވައިދެއްވައިފައެވެ. އެގޮތުން ހައްޖުވެރީންނާއި އެމީހުން ފުރުވަންދާ މީހުން ހިލޭ ހުޅުލެއަށް ގެންގޮސްދޭގޮތަށް ވަނީ ހަމަޖައްސާފައެވެ.
ހައްޖު ކޯޓާގެ ގޮތުގައި މި އަހަރު ރާއްޖެއަށް 2000 ކޯޓާ ލިބިފައިވެއެވެ.
މިއަހަރު ރާއްޖެއިން ހައްޖަށްދާ މީހުން ފުރަން ފަށާފައިވާއިރު އެންމެ ފަހު ގްރޫޕު ފުރާނީ އޮގަސްޓު މަހުގެ ފަސްވަނަ ދުވަހުއެވެ. ހައްޖު ދުވަސް ދިމާވަނީ އޮގަސްޓު 10 ވާ ހޮނިހިރު ދުވަހާއެވެ.