ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ކުރީ ސަރުކާރުން ދަތުރުތަކަށް ފޮރިން މިނިސްޓްރީން އަހަރަކު 27 މިލިޔަން، މި ސަރުކާރުން އަށްމަހު 7.5 މިލިޔަން

އިބްރާހިމް ޒަކީ

ވޭތުވެދިޔަ، ރައީސް ޔާމީންގެ ސަރުކާރުގައި އެއް އަހަރު ދުވަހުގެ ތެރޭގައި، ދަތުރުތަކަށް ފޮރިން މިނިސްޓްރީން 27 މިލިޔަން ހޭދަކޮށްފައިވާ ކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބުދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ފޮރިން މިިނިސްޓްރީން ކޮށްފައިވާ ދަތުރު ތަކާއި، އެ ދަތުރުތަކުން ހާސިލުވި ކަންތައްތަކާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައެއް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ، ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން އެއް އަހަރު ދުވަހުގެ ތެރޭގައި ދަތުރުތަކަށް 27 މިލިޔަން ރުފިޔާ ފޮރިން މިނިސްޓްރީން ހަރަދު ކޮށްފައިވާއިރު، މި ސަރުކާރުން ވޭތުވެދިޔަ އަށް މަސްދުވަހުގެ ތެރޭގައި، ފޮރިން މިނިސްޓްރީން ހަރަދު ކޮށްފައިވަނީ 7.5 މިލިޔަން ރުފިޔާ ކަމަށެވެ.

ޝާހިދު ވިދާޅުވީ، އެ ދަތުރުތަކުގައި އެމަނިކުފާނު 19 ގައުމަކަށް ދަތުރުކޮށް 74 ގައުމެއްގެ ރައީސުންނާއި ބޮޑުވަޒީރުންނާއި 32 ގައުމެއްގެ ފޮރިން މިނިސްޓަރުންނާއި 48 ގައުމެއްގެ އެމްބެސެޑަރުންނާ ބައްދަލު ކުރައްވާފައިވާ ކަމަށެވެ.

"މިހާތަނަށް އައިއިރު އަޅުގަނޑުވަނީ 19 ގައުމަކަށް ރަސްމީ ދަތުރުކޮށްފަ 19 ދަތުރުކުރި އިރު، މިހާތަނަށް 74 ގައުމެއްގެ ރައީސުންނާ ބޮޑުވަޒީރުންނާއި 32 ގައުމެއްގެ ފޮރިން މިނިސްޓަރުންނާއި އަދި 48 ގައުމެއްގެ އެމްބެސެޑަރުންނާ އަޅުގަނޑުވަނީ ތަފާތު ޖަލްސާތަކުގައި، ތަފާތު ބައްދަލުވުންތަކުގައި ބައްދަލުކޮށް ރާއްޖޭގެ މިއަދުގެ ސަރުކާރާއި ރައްޖޭގެ ރައްޔިތުން ކަންތައްތަކާއި، ރާއްޖެއަށް ހައްގު ޝަރަފާއި ގަދަރު ހޯދުމަށް މަސައްކަތްކޮށްފަ،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، މިދިޔަ އަށް މަސް ދުވަހުގެ ތެރޭގައި ކުރެއްވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ރާއްޖޭގައި ބޭއްވި ޕާޓްނާޝިޕް ފޯރަަމުގައި 38 ގައުމެއްގެ މަންދޫބުން، އިންޓަނޭޝަނަލް އޯގަނައިޒޭޝަންތަކުގެ 28 ޖަމިއްޔާއެއްގެ މަންދޫބުން ބައިވެރިވެ ވަޑައިގެންނެވި ކަމަށެވެ. އަދި އަންނަ މަހުގެ ތެރޭގައި، ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން މިހާތަނަށް ރާއްޖެ ވަޑައިގަންނަވާ އެންމެ އިސްވެރިޔާގެ ގޮތުގައި، އެ ޖަމިއްޔާގެ ވައިސް ޕްރެޒިޑެންޓް ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.