ޚަބަރު

އެންޓި ޑިފެކްޝަން ގާނޫނު އުވާލަން ފާސްކޮށްފި

އަހުމަދު ޖައިޝަން

އެންޓި ޑިފެކްޝަން ގާނޫނު އުވައިލަން ކޮމިޓީއިން ނިންމިގޮތް ރައްޔިތުންގެ މަޖިލީހުން ބަލައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުން އެ ގާނޫނު އުވާލުމަށް ފާސްކޮށްފައިވަނީ މަޖިލީހުގެ ޖަލްސާއަށް ވަޑައިގެން ތިއްބެވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

އެ ގާނޫނު އުވާލުމަށް ވޯޓު ދެއްވާފައިވަނީ 37 މެމްބަރެވެ. އަދި އެ ގާނޫނު އުވާލުމާ ދެކޮޅަށް ވޯޓު ދެއްވާފައިވަނީ 17 އެވެ.

އެންޓި ޑިފެކްޝަން ގާނޫނު ހަދާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު އެ ބޭފުޅަކު އިންތިޚާބުވި ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށް މިދިޔަ އަހަރުގެ ޖުލައި 13 ވަނަ ދުވަހު ސުޕްރީމު ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލީހަށް އެ ގާނޫނު އުވާލުމަށް ހުށަހަޅާފައިވަނީ ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދެވެ.